ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގާ ހަތިޔާރުއެޅި ގޭންގުތަކުގެ މެންބަރުންނާއި، ޔަހޫދީންނަށް ވާގިވެރިވާ ޣައްޒާގެ ރައްޔިތުން ހޯދައި، އެ މީހުން ހުއްޓުވުމަށް ޙަމާސް ޖަމާޢަތުން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓައިނުލައިފި ނަމަ، ޣައްޒާ ޤަތުލުޢާންމު އަލުން ފަށައި، ޙަމާސް ޖަމާޢަތް ނައްތައިލުމަށް ތާޢީދު ކުރައްވާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. ޙަމާސާ ދެކޮޅަށް ޔަހޫދީން އަލުން ހަނގުރާމަ ފަށައިފި ނަމަ، ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފަށާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނެއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ދެ އަހަރު ދުވަހަށް ފަހު ނިމުމަކަށް ގެނެސްފައި ވަނީ ޙަމާސާއި ޔަހޫދީންނާ ދެމެދު އޮކްޓޫބަރު 9ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން ވިލަރެސް ކުރެއްވުމުގައި ޓްރަމްޕް ވަނީ އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި، އެ ކަމުގައި ޤަޠަރާއި މިޞްރުގެ އިތުރުން ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކުން ބައިވެރިވިއެވެ.
ޤަތުލުޢާންމު ނިމުމަކަށް ގެނެސް، ދެ ފަރާތުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމާ އެކު ޙަމާސްގެ ސަލާމަތީ ފައުޖުން ވަނީ ޣައްޒާގައި އަމަން ބެލެހެއްޓުމުގެ ޒިންމާތަކާ ޙަވާލުވެފައެވެ. އަދި، ޤަތުލުޢާންމު ހިންގުމުގައި ޔަހޫދީންނަށް ވާގިވެރިވެފައިވާ މީހުން ހޯދުމަށާއި، ޔަހޫދީން އަޑީގައި ތިބެ ހިންގާ ޣައްޒާގެ ކުށްކުރާ އަދި ހަތިޔާރު އެޅި ގޭންގުތަކުހެ މެންބަރުން ހޯދައި، އެ މީހުންނަށް އަދަބު ދިނުމުގެ މަސައްކަތް ފަށާފައެވެ. ޔަހޫދީންނަށް ވާގިވެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވެފައިވާ ބައެއް މީހުންނަށް ޙަމާސުން މަރުގެ އަދަބު ދީފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
"ޙަމާސުން އެ ގޮތަށް، އެއްބަސްވުމާ ޚިލާފަށް މީހުން މަރަމުންދާ ނަމަ، އެ ތަނަށް [ޣައްޒާއަށް] އަރައި ޙަމާސްގެ މެންބަރުން މަރައިލުން ނޫން އިތުރު ގޮތެއް އަޅުގަނޑުމެންނަކަށް ނޯންނާނެ،" މީސްމީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ލިޔުއްވިއެވެ. މި އިންޒާރާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ ސިފައިން ޣައްޒާއަށް އަރައި އަސްކަރީ ހަރަކާތްތަކެއް ހިންގުމުގައި ބައިވެރި ނުވާނެ ކަމުގައެވެ. "އެ ކަން ކުރާނީ އަޅުގަނޑުމެންނެއް [އެމެރިކާގެ ސިފައިންނެއް] ނޫން. އަޅުގަނޑުމެންނަށް [ޣައްޒާއަށް] ދާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ، އޭނާގެ އަމުރަށް ޣައްޒާއަށް އަރައި، ޙަމާސްގެ މެންބަރުން ޝަހީދު ކޮށްލުމުގެ އަސްކަރީ ޤާބިލު ކަން ލިބިފައިވާ ބާރުގަދަ ލަޝްކަރެއް ޣައްޒާ ކައިރީގައި ތިބި ކަމުގައެވެ. ނަމަވެސް، އެއީ ޒަޔަނިސްޓު ދައުލަތުގެ ޔަހޫދީ ސިފައިން ކަމުގައި އޭނާ ވިދާޅުވެފައެއް ނެތެވެ. ޣައްޒާގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގުތަކުގެ މެންބަރުން ހުއްޓުވުމުގެ ބާރު ޙަމާސަށް ލިބިގެންވާ ކަމަށާއި، އެއީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައިވެއެވެ. ނަމަވެސް، ޓްރަމްޕް މިހާރު މި ވަނީ އޭނާގެ ބަސްމަގު ބަދަލު ކުރައްވާފައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޙަމާސުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން ހޯދައި، ހައްޔަރު ކުރަމުން ދަނީ، ޣައްޒާއަށް އެތެރެ ކުރަމުންދިޔަ ކާބޯތަކެތީގެ ލޮރީތަކަށް ޙަމަލާދީ، ކާބޯތަކެތި ލޫޓުވުމުގައި ބައިވެރިވެފައިވާ ގޭންގުތަކުގެ މެންބަރުން ކަމުގައެވެ. އެއީ، ޔަހޫދީންގެ ބެލުމުގެ ދަށުން ހިންގަމުންދާ ގޭންގުތަކެއް ކަމުގައި ޙަމާސުން ތުހުމަތު ކޮށްފައިވާއިރު، ކުށްކުރާ ގޭންގުތަކައް ޚަރަދުކޮށް، ހަތިޔާރު ފޯރުކޮށްދީ، އެ ގޭންގުތައް އޮޕަރޭޓު ކުރަމުންދާ ކަމަށް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ކުރިން އެއްބަސްވެފައިވެއެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބެހެއްޓުމަށް ޙަމާސަށް މަޖުބޫރު ކުރުވުމަށް ވެސް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ޙަމާސުން އެ ކަމަށް އެއްބަސްވެފައިވާ ކަން ނުވަތަ ނޫން ކަން ސާފެއް ނޫނެވެ. "އެ މީހުން ހަތިޔާރު ބަހައްޓާނެ، އެ ކަން ނުކޮށްފި ނަމަ، އަޅުގަނޑުމެން އެ މީހުންގެ ހަތިޔާރުތައް އަތުލާނަން، އަދި އެ ކަން ކުރާނީ ހަލުވިކަމާ އެކު، އޭގައި އަނިޔާވެރިކަން ހިމެނިގެންދާނެ،" ޙަމާސަށް އިންޒާރު ދެއްވަމުން ކުރިން ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޣައްޒާ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުނެއެވެ. އަދި، ޔަހޫދީންގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.