އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު އެވަޓަން އާއެކު ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައުކޮށްފިއެވެ.
އިންގްލެންޑްގެ ގައުމީ ޓީމުގެ ވެސް އެއްވަނަ ކީޕަރުގެ ގޮތުގައި މިވަގުތު ހުރި އުމުރުން 31 އަހަރުގެ ޕިކްފޯޑް އެވަޓަން އާއި ގުޅިފައިވަނީ 2017 ވަނަ އަހަރު އޭރުގެ އިނގިރޭސިވިލާތުގެ ރެކޯޑް ފީއެއް ކަމުގައިވާ 30 މިލިއަން ޕައުންޑްގެ ފީ އަކަށެވެ.
އެވަޓަން އާއިއެކު ޕިކްފޯޑް ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2027 ގެ ނިޔަލަށް ހަމަވާއިރު އައު ކުރި އެއްބަސްވުމުގެ ދަށުން އޭނާ 2029 ގެ ނިޔަލަށް އޭނާ އެ ކްލަބުގައި މަޑު ކުރާނެ އެވެ.
"އެވަޓަން އަކީ އަހަރެންނަށް ވަރަށް ހާއްސަ ކްލަބެއް އަދި ވަރަށް ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި އެވަޓަން އާއި ގުޅި އޭނާ މިހާރު ހުރި ހިސާބަށް އައުމުގައި މި ކްލަބުގެ ހިއްސާ ވަރަށް ބޮޑު. އަހަރެންގެ ވިސްނުމަކީ މި ކްލަބާއިއެކު އިތުރު ކާމިޔާބީތަކެއް ހޯދުން." ޕިކްފޯޑް ބުންޏެވެ.
ސަންޑަލޭންޑް އިން އެވަޓަން އާއި ގުޅުނު ފަހުން އޭނާ ވަނީ އެވަޓަން އަށް 326 މެޗު ކުޅެފަ އެވެ. އަދި ފާއިތުވެދިޔަ ހަތަރު އަހަރު އޭނާ ވަނީ އެވަޓަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ޕިކްފޯޑް ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 80 މެޗު ކުޅެފަ އެވެ.
މި ސީޒަނުގައި ރަގަޅު ނަތީޖާތަކެއް ހޯދަމުންދާ އެވަޓަން އާއިއެކު ހަދާފައިވާ އެއްބަސްވުން ޕިކްފޯޑް އައު ކުރިއިރު އެ ކްލަބުގެ ކެޕްޓަން ޖޭމްސް ޓަރކޯސްކީ ވެސް ވަނީ އެ ކްލަބާއިއެކު ހަދާފައިވާ އެއްބަސްވުމަށް ދެ އަހަރު ދުވަސް އިތުރުކޮށްފަ އެވެ.