ޚަބަރު

ޣައްޒާއަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އެހީ ނުވެއްދޭތީ އދގެ ކަންބޮޑުވުން


ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖައްސައި، ނިކަމެތި ކޮށްލާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އަޅަމުންދާތީ އެކުވެރި ދައުލަތްތައް (އދ)ން ކަންބޮޑުވުން ފާޅުކޮށްފިއެެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ދެ އަހަރު ދުވަހަށް ފަހު ނިމުމަކަށް ގެނެސްފައި ވަނީ އޮކްޓޫބަރު މަހުގެ 19ވަނަ ދުވަހުއެވެ. ނަމަވެސް، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ފުޅާ ކުރުމަށް ޔަހޫދީން އަދިވެސް ދަނީ އިންކާރު ކުރަމުންނެވެ.

މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން އިންސާނީ އެހީއާ ބެހޭ އދގެ އިދާރާގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އެ ސަހަރަށް ކާބޯތަކެއްްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރެވެމުން ނުދާ ކަމުގައެވެ. "މިހާރު ވެސް ޣައްޒާގެ ސަރަޙައްދީ ރޮނގުން ބޭރުގައި 190,000 ޓަނުގެ އެހީގެ ސާމާނު ހުއްޓުވާފައި އެބަހުރި. އެއީ، ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ކާބޯތަކެތި ފަދަ ސާމާނު،" އޭނާ ވިދާޅުވިއެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމުގެ ދަށުން ޔަހޫދީން ވަނީ އެ ސަހަރުގެ ހިސާރު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ. އޭގެ ސަބަބުން ޣައްޒާގެ އެތަކެއް ސަތޭކަ ހާސް ބަޔަކަށް ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރަަށް ކާބޯތަކެތި ނުލިބި، ހައިހޫނުގައި ޖެހުނެވެ. މި ކަން، އދގެ އިދާރާތަކުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ޔަހޫދީން ބުނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ އެކު އެކުލަވައިލާފައިވާ އެއްބަސްވުމުގެ ދަށުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ 600 ލޮރީ ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ކޮންމެ ދުވަހަކު ވެސް ދެމުންދާ ކަމުގައެވެ. ނަމަވެސް، ފްލެޗަރ ވިދާޅުވީ، މިއީ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ބޭނުންވާ މިންވަރަށް ވުރެ މަދު އަދަދެއް ކަމުގައެވެ.

އަދި، ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު އޮކްސްފެމާއި ނޮވީޖިޔަން ރެފިއުޖީ ކައުންސިލް ފަދަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކަށް ހުޅުވައިލުމަށް އޭނާ ގޮވައިލެއްވިއެވެ. "އެ ފަރާތްތަކުގެ އެހީތެރިކަމާ ނުލައި މި ފަދަ އޮޕަރޭޝަނެއް ހިންގައި [ކާބޯތަކެތި] ބެހުމަކީ ކުރެވޭނެ ކަމެއް ނޫން. އެ މީހުން މި ކަމުގައި ބައިވެރި ކުރުވަން އަޅުގަނޑުމެން ބޭނުން. އަޅުގަނޑުމެން މި ވަކާލާތު ކުރަނީ [ޣައްޒާގެ ރައްޔިތުންގެ] އެ މީހުންގެ ޙައްޤުގައި،" ފްލެޗަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ޣައްޒާއަށް އެތެރެ ކުރާ ކާބޯތަކެތި ލޫޓުވުމުގެ މައްސަލަ ވަރަށް ބޮޑަށް މަދުވެފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. "އެންމެ 60 ލޮރީގެ ކާބޯތަކެތި ވައްދާ ނަމަ ހައިހޫނުގައި ޖެހިފައިވާ މީހުން އެ ތަކެއްޗަށް އަރައިގަންނާނެ. އެ ފަދަ ލޫޓުވުމުގެ އަމަލުތައް ހުއްޓުވޭނީ ވީހާވެސް ގިނަ އަދަދެއްގެ ކާބޯތަކެތި އެތެރެކޮށް، އަމިއްލަ ވިޔަފާރިތަކާއި މާރުކޭޓުތައް ހުޅުވައިލައިގެން،" ފްލެޗަރ ވިދާޅުވިއެވެ.

ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދީފައިވީ ނަމަވެސް، ޣައްޒާގެ މުހިންމު ސަރަޙައްދީ ހުރަސްތައް ހުޅުވައިލުމަށް ޔަހޫދީން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ. ޣައްޒާއާއި މިޞްރު ގުޅޭ ރަފަޙްގެ ސަރަޙައްދީ ހުރަސް ހުޅުވައިލުމުގައި އިސް ދައުރެއް އަދާ ކުރުމަށް ބޭނުންވާ ކަން ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ހުށަހެޅުމުން ފްލެޗަރ ވަނީ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ.

އޮކްޓޫބަރު 16ވަނަ ދުވަހު ރަފަޙް ހުރަސް ހުޅުވައިލައި، މިޞްރު މަގުން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުން ފުޅާ ކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މީގެ އިތުރުން، އިތުރު ޞިއްޙީ ފަރުވާއަށް ބޭނުން ޖެހިފައިވާ ޣައްޒާގެ ރައްޔިތުން ރަފަޙް މަގުން ބޭރަށް ގެންދިޔުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަން ވެސް ފްލެޗަރ ހާމަކުރެއްވިއެވެ. އެ ކަމާ ގުޅޭ ގޮތުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހާއި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީއާ ދެމެދު މަޝްވަރާތައް ބާއްވާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޣައްޒާ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުނެއެވެ. އަދި، ޔަހޫދީންގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.