ކުޅިވަރު

ށ. ފުނަދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް އެމްއޭސީއެލްއަށް


  • މިލަންދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ތަފާތު ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ

  • މިތަން ވެގެންދާނީ އެކި ކަހަލަ ކުޅިވަރު މުބާރާތްތައްވެސް ބޭއްވޭނެ މަރުކަޒަކަށް

  • މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރު ތަރައްޤީގެ މަޝްރޫޢުތަކެއް ސަރުކާރުންވަނީ ފައްޓަވާފަ

ށ. ފުނަދޫގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ.

މިމަޝްރޫއުގެ ދަށުން ފުނަދޫގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ތަފާތު ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިތަން ވެގެންދާނީ އެރަށުގައި އެކި ކަހަލަ ކުޅިވަރު މުބާރާތްތައްވެސް ބޭއްވޭނެ މަރުކަޒަކަށެވެ.

މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރުގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ފައްޓަވާފައެވެ. މިމަސައްކަތުގެ ތެރެއިން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާ އައުޓްޑޯ ޖިމްތަކުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ގިނަ ކުޅިވަރުތައް އެއްތާކުން ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ މަޝްރޫޢުވެސް މިހާރު ދަނީ އެކި ސަރަހައްދުތަކުގައި ކުރިއަށެވެ.

ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ރާއްޖޭގެ ކަންކޮޅުތަކަށް ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުންވަނީ ފައްޓަވާފައެވެ. އޭގެ ތެރޭގައި ނިމިދިޔަ ސަރުކާރުން ފެށި ނަމަވެސް ނުނިމި ހުރި ގިނަ މަޝްރޫއުތަކެއް މިސަރުކާރުން ނިންމާ ދަނީ ހަވާލުކުރަމުންނެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި ކޯޓުތަކުގެ އިތުރުން ޓްރެކްތަކުގެ މަސައްކަތްތައްވެސް ހިމެނެއެވެ.