ޚަބަރު

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުމަށް ފަހު 48 ގަޑިއިރަށް ޞުލްޙަ އިޢުލާންކޮށްފި


ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުމަށް ފަހު 48 ގަޑިއިރަށް ޙަމަލާ ބަދަލުކުރުން މެެދުކަނޑައިލުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފިއެވެ. ޙަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ ދެ ޤައުމުގެ ދެމެދުަގައި ބަދަލުކުރަމުން ދިޔަ ޙަމަލާތަކުގައި ދެ ފަރާތުން ވެސް ޢާންމުން މަރުވެ، ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައި ވަނިކޮށެވެ.

‎އަފްޣާނިސްތާނުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުން ބުނީ، ޕާކިސްތާނުގެ ފައުޖުތަކުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ 12 މީހުން މަރުވި ކަމަށެވެ. މި ޙަމަލާތަކަކީ 2021ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން ޠާލިބާނުން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. އެއާ އެކު، އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި މަސްރަޙު އަނެއްކާ ވެސް މި ވަނީ ހޫނުވެފައެވެ.

ދެ ފަރާތުގެ ދެމެދުގައި މަައްސަލައެއް އުފެދިފައި މި ވަނީ، ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޕާކިސްތާން ސަރުކާރުން ޠާލިބާނުންގެ ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، އެ ޤައުމުގައި ނިރުބަވެރި އަމަލުތައް ހިންގާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނަށް ޠާލިބާން ސަރުކާރުން ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެއެވެ.

ނަމަވެސް، ޠާލިބާނުންގެ ސަރުކާރުން މި ތުހުމަތުތައް ދޮގު ކުރެއެވެ. ޠާލިބާނުން ބުނަނީ އެ ތުހުމަތުތަކަކީ އަފްޣާނިސްތާނާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރައި، ސަރަޙައްދީ ރޮނގާ ގުޅޭ ސަރަޙައްދުތައް ހަލަބޮލިކޮށް، ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްއާ ގުޅުންހުރި ހަނގުރާމަވެރިން ހިމާޔަތްކޮށް، އަފްޣާނިސްތާނުގެ ހަމަޖެހުމާއި އިސްތިގުލާލަށް ބާރު ފޯރުވުމަށް ކުރާ ތުހުމަތުތަކެއް ކަމަށެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ޖީއެމްޓީ ގަޑިން 1300ން ފެށިގެން 48 ގަޑިއިރަށް ދެ ޤައުމުން ޙަމަލާ ބަދަލުކުރުން ހުއްޓައިލާނެ ކަމަށެވެ. އެ ގޮތަށް އަމަލު ކުރުމަށް ހުށަހަޅާފައި ވަނީ އަފްޣާނިސްތާނުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު، ޛަބީޙުالله މުޖާހިދު ބުނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލަނީ ޕާކިސްތާނުގެ އެދުމުގެ މަތިން ކަމަށެވެ. އޭނާ އިތުރަށް ބުނީ ޕާކިސްތާނުން އެއްވެސް ޙަމަލާއެއް ނުުދޭނަމަ ކުރިއަށް އޮތް 48 ގަޑިިއިރު އެ ޤައުމަށް ޙަމަލާ ނުދިނުމަށް އަފްޣާނިސްތާނުގެ އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު 2,600 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގެއް ހިއްސާ ކުރެއެވެ. ދެ ފަރާތުގެ ދެމެދުގައި ދޭތެރެދޭތެރެއިން ދަނީ ޙަމަލާ ބަދަލު ކުރަމުންނެވެ. މި ހަމަނުޖެހުންގަނޑާ އެކު ދެ ޤައުމުން ވަނީ ބައެއް ސަރަޙައްދީ ހުރަސްތައް ވެސް ބަންދު ކޮށްފައެވެ. މިއާ އެކު، ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއަށް ވެސް ވަނީ ހުރަސް އެޅިފައެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން ވަނީ، ދެ ޤައުމުގައި ތިބި ޗައިނާގެ ރައްޔިތުންނާއި ވުނޭރު ކޮށްފައިވާ މުދަލާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިލްތިމާސް ކޮށްފައެވެ. ރަޝިޔާއިން ވެސް ވަނީ ޙަމަލާ ބަދަލު ކުރުން ހުއްޓައިލައި، ހަމަޖެހުމަށް އިސްކަން ދިނުމަށް ގޮވާލައިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމުގައެވެ.