ޚަބަރު

ކެމަރޫން ފަހަތަށް ޖައްސާލައި ކޭޕް ވާޑޭ ވޯލްޑްކަޕަށް


ފީފާ ވޯލްޑްކަޕްގެ ޖާގައެއް އެފްރިކާގެ ކުޑަ ގައުމެއް ކަމުގައިވާ ކޭޕް ވާޑޭ އިން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ.

ކޭޕް ވާޑޭ އިން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވަނީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕް ޑީ ގައި މިހާތަނަށް ކުޅުނު 10 މެޗުން 23 ޕޮއިންޓް ހޯދައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނައިގައި އޮތް އެފްރިކާގެ ގަދަ ބާރެއް ކަމުގައިވާ ކެމަރޫން އަށް 10 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.

އެސްވަޓިނީ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކޭޕް ވާޑޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

އެހެން ގައުމުތަކުގައި ތިބި ކޭޕާ ވާޑޭ އަށް ނިސްބަތްވާ ކުޅުންތެރިން ހޯދުމަށްފަހު ގައުމީ ޓީމުގައި ހިމަނައިގެން ފާއިތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޓީމުން ވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އެ ގައުމުން ވަނީ ހޯދާފަ އެވެ.

ޔޫރަޕްގެ ނަން މަޝްހޫރު ފަސް ލީގުގައި ކުޅޭ އެއްވެސް ކުޅުންތެރިން ހިމެނިފައިނުވާ ކޭޕް ވާޑޭ އިން ވަނީ ޔޫރަޕްގެ އިތުރުން އެފްރިކާގެ ދަށް ލީގު ތަކުގައި ކުޅެމުންދާ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމަނާފަ އެވެ.

ކޭޕް ވާޑޭ އަށް ކޮލިފައިންގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވަނީ މިދިޔަ މަހު އަމިއްލަ ގައުމުގައި ކެމަރޫން އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެ ގައުމު މޮޅުވުމުންނެވެ. އަދި އެ ނަތީޖާ އާއިއެކު އެ ޓީމަށް އޮތީ ކުރިއަށް އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެން ވޯލްޑްކަޕަށް ކޮލިފައިވުމުގެ ފުރުސަތު ހުޅުވިފަ އެވެ.