މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު އާރުޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތުގައި ގޮއިދޫގެ މަގުތައް ޒަމާނީފެންވަރަށް ތަރައްޤީކުރުމާއި ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަވަމުންނެވެ. އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް މަޖުބޫރު ނުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އޭގެބަދަލުގައި ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ރަށްތަކުގައި ވެލި މަގުތައް ބޭއްވުމަށްފަހު ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މަރާމާތުކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ބައެއް ކައުންސިލްތަކުން ހުށަހަޅުއްވާކަމަށް ސަރުކާރުން ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.