ޚަބަރު

ރައީސް 4 އަތޮޅަށް ކުރައްވާ ދަތުރުފުޅު: އެންމެ ފަހު މަންޒިލަކަށް ތ. ތިމަރަފުށި


  • ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވާނެ

  • ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ 4 އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮޅުމަޑުލު ތިމަރަފުށްޓަށް ވަޑައިގެންފިއެވެ. ތ. ތިމަރަފުށްޓަކީ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި އެންމެ ފަހު ރަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިމަރަފުށްޓަށް ވަޑައިގަތުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ތިމަރަފުށި ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ތިމަރަފުށިި ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވުމުގެ އިތުރުން، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ‎ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.