ޚަބަރު

ގާދިއްފުށީ ބިން ހިއްކުން ހިމެނޭހެން ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގައިދޭނަން: ރައީސް


  • ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު އެމްޓީސީސީއާ ވަނީ ޙަވާލުކުރައްވާފައި

  • މި މަޝްރޫޢު 580 ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް

ބިން ހިއްކުން ހިމެނޭހެން ގާދިއްފުށީގެ ތައްޤީއަށް ގިނަ، މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކުރައްވާފައެވެ.

ރައީސް ވަނީ ގާދިއްފުށީގެ ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުކުރެއްވުމެއް ކުރިއަށް ގެންދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަށުގެ ބިން ހިއްކުމުގެ ބޭނުމަކީ ރަށުގައި ބޯހިޔާވަހިކަމާ އަދި އިޤްތިޞާދީ ފުރުޞަތުތަކަށް މަގުފަހިކޮށްދިނުންކަމަށެވެ. އެގޮތުން ތ. އަތޮޅުގައި ބިން ހިއްކުން ކުރިއަށްދާ ރަށްތަކުގެ މަޝްރޫޢުތަކާ އެކުއެކީގައި ގާދިއްފުށިގެ ބިން ހިއްކައިދިނުމުގެ މަސައްކަތް ގެންދަވާނެކަމަށެވެ.

"ބިން ހިއްކުމުގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވަ ކަންކަން ފަހިކޮށްދިނުން. އެހެންވީ ނިމުނީމަ ލޭންޑްޔޫސް ޕްލޭން ކައުންސިލުން ހަދާނެ. ޕްލޭން ހަދާއިރު ބޮހިޔާވަހިކަމުގެ މަސައްކަތް ގެންދާނެގޮތް ރައްޔިތުންނާއެކު މަޝްވަރާކުރައްވާ ކައުންސިލުން ނިންމާ، ކަމާގުޅޭ ވުޒާރާއަށް ހުށައެޅީމަ މަސައްކަތް ގެންދާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީން ވިދާޅުވީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ހުއްދަނަގާ، އޭގެ ތައްޔާރީތައް 65 ދުވަހުގެ ތެރޭގައި ނިންމާ ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ދެވޭނެކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް 580 ދުވަހުގެ ތެރޭގައި ނިންމާނެކަމަށް އެމްޓީސީސީގެ ސިއީއޯ ސަޢުދީ ވިދާޅުވިއެވެ.

ރައީސް ވަނީ ބަނދަރުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ބަނދަރުގެ ނެރަށް ގެންނަން ބޭނުންވާ ބަދަލުތަކާއެކު އެ މަސައްކަތް ގެންދަވާނެކަމަށެވެ.

ރަށުގެ ބަނދަރު ތަރައްޤީޚުރުމުގެ މަސައްކަތް މި ދަތުރުގައި ޢަމަލީގޮތުން ވަނީ ފަށާފައެވެ. މި މަސައްކަތް 540 ދުވަހުން ނިންމާނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި ދަތުރުފުޅުގައި ރަށުގައި ފެށިގެން ދިޔަ ހެލްތް ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތަކާ، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ކައުންސިލްގެ އާ އިމާރާތްވެސް ޗައިނާ ސަރުކާރުގެ އެހީގައި ލިބިފަވާ މަޝްރޫޢުގައި ކުރިއަށްގެންދިއުމަށް ނިންމާފަވާކަމަށެވެ.

މީގެއިތުރުން ކުޅިވަރު ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތުގައި، ރަށުގައި ފުޓުބޯޅަ ދަނޑުގެ ޓާފް އާކޮށްދީ، ފެންސްޖެހުމާއެކު އިތުރަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ.

މީގެއިތުރުން ރަށުގެ ކުނީގެ މައްސަލައަށް ޙައްލެއް ގެންނަންޖެހިފަވާތީ، އެ މަސައްކަތްވެސް ވެމްކޯގެ އެހީތެރިކަމާއެކު ރަށުގައި ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ކަރަންޓުގެ މައްސަލަވެސް އަންނަ ރަމަޟާންމަހުގެ ކުރިން ޙައްލުކޮށްދޭނެކަމަށް ފެނައިން ވިދާޅުވެފަވެއެވެ.

ގާދިއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ގާތަށް އަންނަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ، ރައްޔިތުން ބޭނުންވާ ޙައްލުތައް ރަށްތަކަށް ގެނެސްދިނުމަށްކަމަށެވެ.