ޚަބަރު

ގާދިއްފުށީ ސިއްޙީ މަރުކަޒަށް އިތުރު ކުރާ އައު އިމާރާތުގެ ބިންގާ އަޅައިފި


  • ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު

  • މި މަސައްކަތް ކުރިއަށްގެންދަނީ ވެމްކޯއާ ހަވާލުކޮށްގެން

ތ. ގާދިއްފުށި ސިއްޙީ މަރުކަޒަށް އިތުރު ކުރާ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ތ. ގާދިއްފުށި ސިއްޙީ މަރުކަޒަށް އިތުރު ކުރެވޭ އައު އިމާރާތުގެ ބިންގާ އަޅައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގާދިއްފުށި ސިއްޙީ މަރުކަޒަށް އިތުރު ކުރެވޭ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.

ތ. ގާދިއްފުށި ސިއްޙީ މަރުކަޒަށް އިތުރު ކުރެވޭ އައު އިމާރާތުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ ވެމްކޯއާއެވެ.

އަތޮޅުތަކުގެ ސިއްހީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ސަރުކާރުން މިހާރު ފައްޓާފައިވާ އެކި މަޝްރޫއުތައް ނިމިގެންދާއިރު އަތޮޅުތަކުގެ ސިއްޙީ ނިޒާމުގައި ހުރި ގޮންޖެހުންތައް ހައްލުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.