ޚަބަރު

ރިހެބިލިޓޭޝަން ސެންޓަރުތަކުން މިހާރުވެސް 1200 މީހުންނަށް ދަނީ ފަރުވާ ދެމުން: އެންޑީއޭ


  • ހުޅުމާލޭގައި ޚިދުމަތްދިނުމަށް އިތުރު ސެންޓަރެއްގެ މަސައްކަތް ދަނީ ކުރަމުން

  • މިހާރުވެސް 12 ރިހެބިލިޓޭޝަން ސެންޓަރަކުން ޚިދުމަތްދޭ

ރާއްޖޭގެ ހުރިހާ ރިހެބިލިޓޭޝަން ސެންޓަރުތަކުން 1200އަށްވުރެ ގިނަ މީހުންނަށް މިހާރުވެސް ފަރުވާދެމުން އަންނަކަމަށް ނޭޝަން ޑްރަގް އެޖެންސީ އެންޑީއޭއިން ވިދާޅުވެއްޖެއެވެ.

ރިހެބިލިޓޭޝަން ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބައިތިއްބައިގެން އިސްލާޙު ކުރުމުގެ ފަރުވާ ޕްރޮގްރާމްތައް ހިންގައިދީ، މަސްތުވާތަކެތީގެ ކިބައިން ސަލާމަތް ވެވޭނެ މަގުދައްކައިދީ، ފަރުވާގެ ވަގުތުގައި ދިމާވާ އުނދަގޫތައް ތަޙައްމަލު ކުރުމުގައި އެހީތެރިވެދިނުން އަސާސަކަށް ބަލައިގެން ހިންގާ ސެންޓަރުތަކެކެވެ.

ނޭޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތަކާގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވީ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 12 ރިހެބިލިޓޭޝަން ސެންޓަރަކުން މިހާރުވެސް ޖުމްލަ 1200 ފަރާތަކަށް ފަރުވާދެމުން އަންނަކަމަށެވެ.

"ނޭޝަނަލް ޑްރަގް އެގެންސީގައި ފަރުވާދޭ ސެންޓަރުތަކުގަ ގިނައިން ހަމަ ފުލްކޮށް މިދަނީ. އަޅުގަނޑުމެންގެ ސެންޓަރުތަކުގަ ފަރުވާދޭމީހުންގެ ތެރޭގަ މިތިބެނީ 2 ބާވަތެއްގެ ކްލައިންޓުން. އެއީ އަމިއްލަ ގޮތުން ފަރުވާއަށް ވޮލަންޓިއަރކޮށް އަންނަ ކްލައިންޓުންނާއި، ކޯޓުން ހުކުމްކޮށްގެން އަންނަ ކްލައިންޓުން. މިއަހަރު ވަރަށް ފުލްކޮށް އަޅުގަނޑުމެންގެ ހުރިހާ ސެންޓަރެއްގެވެސް މަސައްކަތްތައް މިދަނީ. ޚާއްސަކޮށް ހިންމަފުށީގެ ރީހަބްވެސް ހަމަ ފުލްކޮށް މިދަނީ" ލުބްނާ ވިދާޅުވިއެވެ.

ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ޖާގައިގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ، އެ މައްސަލަ ހައްލުކުރުމަށްވެސް ގިނަ މަސައްްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

އެގޮތުން، މަސްތުވާތަކެތި ބޭނުންކުރާ އަދި ނަފްސާނީ މައްސަލަތައް ހުންނަ ފަރާތްތްކަށް ފަރުވާ ދިނުމަށް ޚާއްސަކޮށް ހުޅުމާލޭގައި މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، އެ މަސައްކަތް ނިމުމުން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެތަނުގެ ބައިތިއްބައިގެން އިސްލާޙު ކުރުމަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމަށް ލުބްނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު އެކަނިވެސް ޑްރަގްކޯޓުން 597 ކްލައިންޓުންނަށް ހުކުމްކޮށްފައިވާކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޑްރަގްކޯޓުން 500އެތައް ކްލައިންޓުން ޙުކުމްކޮށްފައިވާކަމަށެވެ.

" ރިމާންޑް ސެންޓަރއަށް މިއަދާހަމައަށް އަޅުގަނޑުމެންނަށް ވަރަށް ބައިވަރު މީހުން ނެގިއްޖެ. މިދިޔަ އަހަރުގެ އޮޮކްޓޯބަރުމަހުގެ 3 ވަނަ ދުވަހުން ފައްޓައިގެން މިއަދާހަމައަށް 500އާ ގާތްކުރާ އަދަދަކަށް އަޅުގަނޑުމެންނަށް ވަނީ މީހުން ނެގިފަ. ނަގާއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ރިމާންޑް ސެކްޓަރއަށް ނެގި ގުރިހާ މީހުންނަކީ ވަރަށް ބޮޑަށް މެންޓަލް ހެލްތް ފަރުވަ އަދި މެޑިކަލް އެެހެނިހެން ފަރުވާތައްވެސް ދޭންޖެހޭ މީހުންކަމުގަ. ނޭޝަނަލް ޑްރަގް އެޖެންސީން ދޭންޖެހޭ ފަރުވާގެ އިތުރަށް އެމީހުންނަށް ހޮސްޕިޓަލްތަކުން ދޭންޖެހޭފަރުވާ ފާހަގަކޮށްލަން" ލުބްނާ ވިދާޅުވިއެވެ.

ސިއްޙީ ގޮތުން ރަނގަޅު ފަރުވާއެއް ނުލިބިތިބި އެތައްބަޔަކަށް ޑްރަގް އެޖެންސީން ފަރުވާދީފައިވާކަމަށާއި، ރިމާންޑް ސެންޓަރަށް މީހުން ތިބޭ 30ދުވަހުގެ ތެރޭގައި އެމީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް ފޯރުކޮށްދެއްވާކަމަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އިސްލާޙުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 12 ރިހެބިލިޓޭޝަން ސެންޓަރެއްގައި އަންނަނީ ފަރުވާދެމުންނެވެ. މި ސެންޓަރުތައް ހުންނަނީ މާލެ، ހުޅުމާލޭގެ އިތުރުން ކ. ހިންމަފުށި ގދ.ތިނަދޫ، ހދ.ހަނިމާދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ އަދި ގއ.ވިލިނގިލީގައެވެ.

އެންޑީއޭއިން އަންނަނީ ރިހެބިލިޓޭޝަން ފަރުވާ މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތްތަކުގެ ސަބަބުން ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ވަށާޖެހޭ ހައްލެއް ލިބިގެން ދާނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.