ކުޅިވަރު

މި ސީޒަނަށްފަހު ބުސްކެޓްސް ކުޅުން ހުއްޓާލަނީ


ބާސެލޯނާ އާއި ސްޕެއިންގެ ލެޖެންޑަރީ މިޑްފީލްޑަރު އަދި އެމެރިކާގެ އިންޓަރ މަޔާމީއަށް މިހާރު ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްސް، މި ސީޒަނަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ. އޭނާ މިކަން އިއުލާންކުރީ އިންސްޓަގްރާމަށް ދޫކޮށްލި ވީޑިއޯއަކުންނެވެ.

"އަހަރެންނަށް ގަބޫލ ކުރެވެނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ހުރުން މިހާރު ނިމުމަކަށް ގެންނަން ވެއްޖެކަމަށް. ގާތްގަނޑަކަށް 20 އަހަރެންނަށް ބޯޅަ ކުޅެވިއްޖެ. މި މުއްދަތުގައި ފުޓްބޯޅައިން އަހަރެންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. އެކުގައި ދަތުރު ކުރުމާއި ހަމަހިމޭންކަމާއި ވަރަށް ރީތި ތަންތަން ފެނުނު،" 37 އަހަރުގެ ބުސްކެޓްސް ބުންޏެވެ.

އޭނާ ވަނީ ވަރަށް ބޮޑަށް ބާސެލޯނާ އަށް ޝުކުރު އަދާކޮށްފަ އެވެ.

"އަހަރެން ބާސެލޯނާ އަށް ޝުކުރު އަދާ ކުރަން. އެއީ އަހަރެންގެ ކުލަބު. އެ ތަނުގައި އަހަރެންގެ ކުޑައިރުގެ އުއްމީދުތައް ހާސިލް ކުރެވުނު. ވަރަށް ގިނަ ކާމިޔާބީ ލިބުނު. ދުވަހަކު ވެސް ހަނދާން ނުނެތޭނެ އުފާވެރި އެތައް ކަމެއް ނޭމްޕް ނޯގައި ހިނގައިދިޔަ. ހަމަ މިއާއެކު ސްޕޭނުގެ ގައުމީ ޓީމަށް ވެސް ޝުކުރު އަދާ ކުރަން. ގައުމީ ޓީމާއެކު ވެސް އަހަރެންނަށް ވަރަސް މުހިންމު ކާމިޔާބީތައް ހޯދުނު،" ބުސްކެޓްސް ބުންޏެވެ.

އޭނާ އަދި ބުނީ އިންޓަރ މަޔާމީން އޭނާ އަށް ފުރުސަތު ދީ އަރަމުން އަންނަ ކުލަބުގައި ކުޅެ ގިނަ ތަޖުރިބާތާކެއް ހާސިލް ކުރަން ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

ބުސްކެޓްސް ވަނީ ގާތްގަނޑަށް 700 އަށްވުރެ ގިނަ މެޗުގައި ކުޅެފަ އެވެ. އޭނާ ވަނީ ބާސެލޯނާގައި ސްޕެނިޝް ލީގާއި ކޮޕާ ޑެލްރޭ އެތައް ފަހަރަކު ކާމިޔާބުކޮށްފަ އެވެ. އަދި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކުރި އެވެ. ސްޕޭނުގެ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބު ކުރި އެވެ.

ކުލަބު ފުޓްބޯޅައިގައި ހަމައެކަނި ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ބުސްކެޓްސް އުމުރު ދޮށިވެ ބާސެލޯނާ ދޫކޮށް އިންޓަރ މަޔާމީއަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ.