ޚަބަރު

ޑީކޮމްޕްރެޝަން ޗެމްބަރުތައް 6 ސަރަޙައްދެއްގައި ޤާއިމްކުރަނީ؛ ފުރަތަމަ ޗެމްބަރު ތ.ގުރައިދޫގައި


  • ފުރަތަމަ ޗެމްބަރު މާދަމާ ތ.ގުރައިދޫގައި ހުޅުވަނީ

  • އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އއ.ރަސްދޫ، ގއ.ވިލިނގިލީ އަދި މާލޭގައިވެސް ޗެމްބަރު ބަހައްޓާނެ

ރާއްޖޭގެ 6 ސަރަޙައްދެއްގައި، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑީކޮމްޕްރެޝަން ޗެމްބަރު ޤާއިމުކޮށްދެއްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރު މާދަމާ ތ.ގުރައިދޫގައި ހުޅުވުމަށް ހަމަޖެހިފައިވާކަމަށެވެ.

މަސްވެރިންނާއި ޑައިވަރުންގެ އޮތް ދުވަސްވީ ކަންބޮޑުވުމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ޑީކޮމްޕްރެޝަން ޗެމްބަރުތައް އަތޮޅުތަކުގެ ރަށްތަކުގައި ބެހެއްޓުމުގެ މަސައްކަތް ވަރަށް ބާރު ދުވެއްޔެެއްގައި ކުރައްވަމުންދާކަމަށެވެ. އެގޮތުން ރިޔާސީ ވައުދުގެ ދަށުން ރަށްރަށުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމަށް ބޭނުންވާ މެޝިންތައް ގަތުމާއި ހޯދުމުގެ މަސައްކަތުގެ އިތުރުން އިންސްޓޯލްކުރުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަމަށެވެ. މިގޮތުން މާލެއިން ބޭރުން ޤާއިމުކުރާ ފުރަތަމަ ޑީކޮމްޕްރެޝަން ޗެމްބަރު ހުކުރު ދުވަހު، ތ.ގުރައިދޫގައި ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެޗެމްބަރަކީ 100 މީޓަރު އަޑިން ޑީކޯވިނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މާލެއިން ބޭރުގައި އެންމެ ފުރަތަމަ ބެހެއްޓޭ ޑީކޮމްޕްރެޝަން ޗެމްބަރ މާދަމަ ހުޅުވިގެންދާނެ. އެމްއެންޑީއެފްގެ ސެނެހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާ މި ޑީކޮމްޕްރެޝަން ޗެމްބަރު ހަދިޔާކުރައްވާފައިވަނީ ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް އަތޮޅުތެރޭގެ 6 ސަރަޙައްދެއްގައި ޑީކޮމްޕްރެޝަން ޗެމްބަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އެގޮތުން އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން އއ.ރަސްދޫއާއި ގއ.ވިލިނގިލީ އަދި މާލޭގައިވެސް މިޗެމްބަރުތައް ބެހެއްޓިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.