ވޭމަންޑޫ - ކިނބިދޫ ކޯޒްވޭގެ މަސައްކަތް ކުރިއަށްގެންދާނީ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢުއަކާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވޭމަންޑޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވޭމަންޑޫގެ ތަރައްޤީއާ ގުޅޭ ގިނަ މަޝްރޫޢުތަކެއް އިއުލާނުކުރައްވާފައެވެ.
ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭގެ މަސައްކަތް ޓުއަރިޒަމް މަޝްރޫޢުއަކާ އެކުއެކީގައި ކުރިއަށްގެންދިއުމަށް އެކަމަށް ޑިވެލޮޕަރެއް ހޯދުމަށް މިހާރު ހުޅުވާލާފަވާކަމަށެވެ. ރައީސް ވިދާޅުވީ އެމަޝްރޫޢު ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދިއުމަށްވުރެ، ރަށާއި އެ ސަރަޙައްދަށް ފައިދާ ބޮޑުވާނީ ފަތުރުވެރިކަން އެއަތޮޅުގައި ފުޅާވާނެފަދަ ގޮތަކަށް މަޝްރޫއު ކުރިއަށްގެންދެވިގެންކަމަށެވެ.
ކޯޒްވޭ ތަރައްޤީކުރަނީ ދެރަށް ދޭތެރޭގައި އޮންނަ އެއަތޮޅު އެލާ ކިޔާ ފަޅުރަށް ހުރަސްކޮށެވެ. ޓުއަރިޒަމް މަޝްރޫއުއާއެކު އެ މަސައްކަތް ގެންދިއުމުގެ ސަބަބުން ފަރުދީ އަދި އިޤްތިޞާދީ ތަރައްޤީ މުޅި ސަރަޙައްދަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"ކްރޮސް ސަބްސިޑީ މޮޑެލްއަށް ގެންދަން ހުޅުވާލާފަވާނީ. އިތުރު މޮޑެލްތަކަށްވެސް ފުރުޞަތު ލިބޭގޮތަށް ހުޅުވާލާފަވަނީ. މިއީ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގެންދެވޭ ބޮޑު ޕްރޮޖެކްޓަކަށް ވާނެ" ރައީސް ވިދާޅުވިއެވެ.
އަތޮޅުތަކަށް ފަތުވެރިކަން ފުޅާކުރުމުގެ މަސައްކަތުގެދަށުން، ޓެކުހާއި ފީތަކުން ޑިވެލޮޕަރުންނަށް ބޮޑު ލުޔެއް ދޭން ނިންމެވި ނިންމެވުމަށް އަލިއަޅުއްވާލައި، ރައީސް ވިދާޅުވީ ފަތުވެރިކަން ތަރައްޤީކުރާ އިތުރު 5 އަތޮޅެއްގައިވެސް އެ މޮޑެލް ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާކަމަށެވެ. ފަޅު ހިމެނޭހެން ތ. އަތޮޅުން 9 ރަށެއް ފަތުވެރިކަމަށް ދޫކުރަން ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
"މި އަތޮޅުގައިނ އިކުއިޒިޝަން ފީ ހެކްޓަރަކަށް 250000(ދެ ލައްކަ ފަންސާސް ހާސް) ޑޮލައުން 75000(ހަތްދިހަ ފަސް ހާސް) ޑޮލަރަށް ކުޑަކުރުމަށް ވަނީ ނިންމާފަ. އަދި އެހެން އަތޮޅުތަކުގައިވެސް 2 ލައްކައަށް ވަނީ ކުޑަކޮށްފަ. އަދި މި ނޫންވެސް ގިނަ ފީތަކެއް ވާނީ ކުޑަކޮށްފަ" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ވޭމަންޑޫގެ ބިން ހިއްކަން ސޮއިކުރި އެއްބަސްވުމުގެދަށުން ރަށުން 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށާއި މަޝްރޫޢު ނުހުއްޓި އަވަހަށް ނިންމަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮލޫމަޑުލުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެންދިއުމަކީވެސް، ރަށުގެ އިޤްތިޞާދީ އަދި ފަރުދީ ތަރައްޤީގެ މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަގު ހެދުމުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމަވާނެކަމަށާއި، ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގެދަށުން، ބަނދަރު ބޮޑުކޮށް މިހާރުގެ ބަނދަރުވެސް އަލުން ތަރައްޤީކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 500 މީހުންގެ ޖަގައިގެ ޒަމާނީ މިސްކިތެއްވެސް ވޭމަންޑޫގައި އަޅުއްވައިދެއްވާނެކަމަށާއި ސޯލާއިން ކަރަންޓު ފޯރުކޮށްދޭ އަދި އޭސީ މިސްކިތަކަށް އެ މިސްކިތް ބަދަލުކޮށް، ކްލާސްރޫމާ ލައިބްރަރީ ހިމެނޭގޮތަށް ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއްވެސް އެރަށުގައި ހުޅުވުމަށް ތައްޔާރުވެފަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ނުނިމި 8 އަހަރުވެވެފައިވާ ސްކޫލްގެ މަލްޓިޕަރޕަސް ހޯލާ، 3 ބުރީގެ އިމާރާތުގެ މަސައްކަތް، އަންނަ ދިރާސީ އަހަރަށް ނިންމަވާނެކަމުގެ ޔަގީންކަން ރައީސްވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
މީގެއިތުރުން 50 އެނދުގެ ހޮސްޕިޓަލެއްގެ ފަންޑް ހަމަޖެހި، އެއާ ގުޅޭ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަގީންކަން ދެއްވައި ރައީސް ވަނީ އެ ހޮސްޕިޓަލާއެކު ރަށާ، އަތޮޅަށް ޒަމާނީ ސިއްޙީ ފަރުވާގެ ނިޒާމެއް ގެނެވޭނެކަމަށެވެ. އަދި މިވަގުތައް މުހިންމު ޚިދުމަތްތަކެއްގެގޮތުން، ސައިކޭޓްރީއާއި، ސްޕީޗް ތެރަޕީ އަދި ފިޒިއޯ ތެރަޕިސްޓެއް ހޯދުމުގެ ކަންކަން އަންނަ ހަފްތާގެތެރޭގައި ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައެވެ. މީގެއިތުރުން ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޖާގަބޮޑު ޕާކަކާ ޖިމެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
މީގެ އިތުރުން ނުނިމި 8 އަހަރުވެފައިވާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް، ނިންމައިދިނުމަށް މިހާރު ކޮންޓަރެއް ހޯދުމަށް އިއުލާނުކޮށްފަވާކަމަށާއި ދަނޑު ތަރައްޤީކުރާނީ ފީފާ ސްޓޭންޑަޑަށްކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 1200 މީހުންނަށް ބަލަން ވަދެވޭ ކެޕޭސިޓީގެ، ސްޓޭޓް އޮފް ދި އަރޓް ސްޕޯޓްސް ކޮމްޕްލެކްސްއެއްވެސް ވޭމަންޑޫގައި ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.