ޚަބަރު

މުލީގައި 300 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަންނަ އަހަރު ފަށަނީ


  • ރައީސް ވިދާޅުވީ މަސައްކަތް ގެންދާނީ ދެ ފިޔަވައްސަކަށްކަމަށް

  • ރަށުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުއަށްވެސް އިސްކަން ދެއްވާނެކަމަށް ވިދާޅުވި

މުލަކަތޮޅު މުލީގައި 300 ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަސައްކަތް އަންނަ އަހަރުގެތެރޭގައި ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދަން ހަމަޖެހިފައި މަޝްރޫޢުތައް ފާހަގަކުރައްވައި އެކަންކަން ވީހާވެސް އަވަހަށް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މުލީގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މަޝްރޫޢުއަކަށްވާނީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދިނުމުގެ މަސައްކަތްކަމަށެވެ. އެގޮތުން 2 ފިޔަވައްސަކަށް ބަހާލައިގެން އަންނަ އަހަރު، 300 ހައުސިންގ ޔުނިޓް އެރަށުގައި ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވިދާޅުވިއެވެ. އާބަދީ ބޮޑުވަމުން މުލީ ފަދަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

"300 ޔުނިޓްގެ މަސައްކަތް ގެންދާނީ ދެ ބަޔަކަށް. ފެބްރިއަރީ ހިސާބުގައި 150 ޔުނިޓްގެ މަސައްކަތް ފަށާނަން. އަދި ސެޕްޓެމްބަރު މަހު ހިސާބުގައި އިތުރު 150 ޔުނިޓްގެ މަސައްކަތް ފަށާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މުލީ އެއަރޕޯޓްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭގޮތަށް ހެދުމަށް، ބޭނުންވާ ލައިޓް ޖެހުމުގެ މަސައްކަތް ފަށާފަވާކަމަށާއި، އެ މަސައްކަތްތައް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުލީ އެއަރޕޯޓަށް ލިބޭ ކޮންމެ ކުރިއެރުމަކީ އެރަށާއި އަތޮޅުގެ ރައްޔިތުންނާ ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށްވެސް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

މުލީގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތައްވެސް ޚާއްސަ އިސްކަމެއް ދެއްވާކަމަށާއި، އިސްކަންދޭ އެ މަސައްކަތް ބާރަށް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މުއްޔާއި ނަލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް، ސޮއިކުރި މުއްދަތައްވުރެ ކުރިން ނިންމާނެކަމަށާއި، މުއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް 100 ކިލޯވޮޓްގެ ޖެންސެޓެއް މިއަހަރުތެރޭ ގެނެސް، ރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރު ކްލާސްރޫމްތަކާއެކު ރަށުގެ ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމުގ މަޝްރޫޢުއެއްވެސް އަންނަ އަހަރު ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުހެދުމަށް ފެށި މަޝްރޫޢާ ޕޮލިސްޓޭޝަންގެ މަސައްކަތަކީވެސް ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.