ތ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ ޚިދުމަތް ފެށުމަށް ބޭނުންވާ ސްޕީޑް ފެރީތައް އެއަތޮޅަށް ނުވައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން އަންނަނީ މިމަހު އެއަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.
ރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް 2022ވަނަ އަހަރުވަނީ އެމްޓީސީސީއާއި ހަވާލުކޮށްގެން މަޝްރޫޢެއް ފައްޓަވާފައެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މިހާތަނަށް 11 އަތޮޅެއްގައިވަނީ ޚިދުމަތް ފަށާފައެވެ. ތ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށްޓަކައި މިހާރު އެމްޓީސީސީން އެއަތޮޅަށްވަނީ ފެރީ ފޮނުވާފައެވެ.
5 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއާއެކުވަނީ މަސައްކަތް ފެށުމަށް ނިންމާފައެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ މިދިރާސާ މިމަހާއި އަންނަ މަހު ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މިދިރާސާގައި މ، ފ، ދ، ތ އަދި ލ. އަތޮޅުގެ ރަށްތަކުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރާނެއެވެ.
We are excited to inform that our RTL Speed Ferries have departed today in preparation for the commencement of RTL ferry services at Thaa Atoll!
— MTCC Plc (@MTCCPlc) September 21, 2025
As the service expands from north to south we are proud of the great socioeconomic benefits this service is creating for the citizens… pic.twitter.com/AqmEwrRN0l
އިތުރު އަތޮޅުތަކުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށްޓަކައި 56 އުޅަނދު ބޭނުންވާތީ، އެ އުޅަނދުތައް ބަނުމަށް މިހާރު ހަވާލުކޮށްފައިވާކަމަށް އެމްޓީސީސީން ކުރިންވަނީ ވިދާޅުވެފައެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޚިދުމަތެކެވެ. އާރްޓީއެލްގެ ދަށުން އެންމަ ފަހުން ޚިދުމަތް ފަށާފައިވަނީ ބ.އަތޮޅުގައެވެ. ޚިދުމަތް ފެށުމުގެ ކުރިން ކޮންމެ އަތޮޅެއްގައިވެސް ދަތުރުކުރާ ރޫޓުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ޚާއްސަ ޕްރޮގްރާމެއް އެމްޓީސީސީން ކުރިއަށްގެންދެއެވެ.
އާރްޓީއެލްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަން އެމްޓީސީސީން ފާހަގަކުރައްވައެވެ. މިގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ދަތުރުކުރުމަށްވެސް މިޚިދުމަތުގެ ބޭނުން ގިނަ ބަޔަކު ކުރެއެވެ. އާރްޓީއެލްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންގެ ދަތުރުފަތުރުކުރުމަށް ބޮޑު ބަދަލެއް އައިސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.