ޚަބަރު

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް 1 އަހަރުތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި


  • މަގޫދޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއަރޕޯޓް ނިންމުން

  • މި ޝަކުވާތަކާ ގުޅިގެން ރައީސް ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައި

  • ރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވި

ގިނަވަގެން 1 އަހަރު ދުވަހުގެ ތެރޭގައި ފ.މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ނިންމައި ޚިދުމަތަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ޙިއްސާކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ފ.މަގޫދޫގެ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރެއްވީ 2022ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ %50 މިހާތަނަށްވަނީ ނިމިފައެވެ. ނަމަވެސް މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ މަގޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުވަނީ ބައްލަވާލައްވާފައެވެ.

އެއަށްފަހު މަގޫދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް ވަނީ ރަށުގެ ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ. މަޝްރޫޢަށްވާތީ މިބައްދަލުކުރެއްވުމުގައި ރަށުގެ ހުރިހާ ރައްޔިތުންވެސް ފާޅުކޮށްފައިވާ ކަންބޮޑުވުމަކީ ރަށުގެ ތަރައްޤީއާ އެންމެ ބޮޑަށް ގުޅިފައިވާ އެރަށު އެއަރޕޯޓްގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލައެވެ. އެގޮތުން އެއަރޕޯޓްގެ މަސައްކަތް މުޅިން މަޑުޖެހި، މަޝްރޫޢު ސަރުކާރުން ހުއްޓާލާފާނެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރިއެވެ.

މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން އެއަރޕޯޓްގެ މަސައްކަތް ހުއްޓާނުލާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އެ މަސައްކަތް މަޑުޖެހިފައިވާ ސަބަބުތައް ދެނެގަނެ، މަސައްކަތް އަވަހަށް ހިނގައިގަނެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިމަސައްކަތް ނިންމާނެކަމާމެދު ޝައްކުތަކެއް ނުގެންގުޅުމަށް އެދިވަޑައިގެން ރައީސްވަނީ އެއަރޕޯޓް ނިންމާ ޚިދުމަތަށް ގެންނާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަމާ ގުޅޭ ވުޒާރާއާއި ކޮންޓްރެކްޓަރާއެކުވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

"މި މަސައްކަތަށް ޢަމަލީ ސިފަ ގެނެސް، އެއްވެސް މަޑުޖެހުމެއްނެތި މަސައްކަތް ގެންގޮސް ނިންމާލަދޭނަން. ދިމާވެފައިވާ މައްސަލަ ބަލައި، މަސައްކަތް އަވަސްކުރަން މަގުފަހިކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނަން. އަޅުގަނޑު ތަކުރާރުކުރަނީ މި މަޝްރޫޢު ނިންމާދޭނެކަމުގެ ޔަގީންކަން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަގޫދޫގެ ރައްޔިތުންނަށް، ޚިޔާލު ހުށައެޅުމުގެ ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުންކަމަށެވެ. ރައީސް ވިދާޅުވީ ރަށުގައި ރަނގަޅު ވަސީލަތްތަކާއެކު ސިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރު ކުރިއަށްގެންދަވާނެކަމަށެވެ. އަދި ސްކޫލްގެ ޖާގައިގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތްވެސް ޢަމަލީގޮތުން މިއަހަރު ފަށްޓަވާނެކަމަށް ވިދާޅުވިއެވެ.

މަގޫދޫން ވަނީ ރަށުގެ ފަޅުތެރޭގައި ކުރިއަށްގެންދިއުމަށް ކައުންސިލުން ބޭނުންވާ އިންޓަރގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢަށްވެސް ސަރުކާރުން މަގުފަހިކޮށްދިނުމަށް އެދިފައެވެ.

މަގޫދޫއަކީ އާބާދީގައި 1000އެއްހާ މީހުން ދިރިއުޅެމުންދާ ރަށެކެވެ.