ރެއާލް މެޑްރިޑަށް ވަގުތު ދިނުމަށް ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ފިލިޕޭ، 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕަށް ނުދާނެ ކަމަށް ބްރެޒިލްގެ ނޫސްތަކުން ބުނަން ފަށައިފިއެވެ.
އެންޑްރިކް މިވަގުތު ހުރީ އަނިޔާގަ އެވެ. ރެއާލްއިން ވިސްނަމުންދަނީ އޭނާ ލައްވައި ކުރިއަށް ހުރި މެޗުތަކުގައި ކުޅުވުމަށެވެ. މިހާރުގެ ކޯޗު ޒަބީ އަލޮންސޯ ވެސް ވަނީ އެންޑްރިކް ލޯނު އުސޫލުން އެހެން ކުލަބަކަށް ފޮނުވާލުމާ ވެސް ދެކޮޅު ހަދައިފަ އެވެ. އޭނާގެ ޕްލޭނުގައި އެންޑްރިކަށް ޖާގަ އެބައޮތެވެ.
ބްރެޒިލްގެ 20 އަހަރުން ދަށުގެ ކޯޗު ރޯމަން މެނޭޒްސް ބުނީ ކުލަބުތަކުން ސީޒަނުގެ މެދުތެރެއިން ގައުމީ ޓީމަށް ކުޅެން ކުޅުންތެރިން ދޭން ބޭނުންނުވާ ކަމަށެވެ. މިހެންވެ ޓީމު އެކުލަވާލުމުގައި އުނދަގޫތަކެއް ހުރި ކަމަށެވެ.
އޭނާ ބުނީ އެންޑްރިކްގެ ހާލަތު ބްރެޒިލުން ވެސް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ކުޅުންތެރިޔާ ލައްވައި ކުޅުވުމުގެ ވިސްނުން ގެންގުޅުނަސް އޭނާ އަށް ފިޓްވާން ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި އެންޑްރިކް ލައްވައި ކުޅުވާނީ އޭނާ ފިޓްވެއްޖެކަން ކަށަވަރުވުމުން ކަމަށެވެ.
އެންޑްރިކް ވަނީ އޭނާ އަށް އަނިޔާވުމުގެ ކުރިން ރެއާލްގެ ޓީމުގައި ދޭތެރެއިން ދޭތެރެއިން ކުޅެން ނުކުމެ ގޯލުތަކެއް ވެސް ޖަހައިފަ އެވެ. އަދި ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނިގެން ކުޅުނު މެޗުތަކުގައި ވެސް އޭނާ ގޯލި ޖެހި އެވެ.
20 އަހަރުން ދަށުގެ ކުލަބު ވޯލްޑް ކަޕް އޮތީ 17 ސެޕްޓެމްބަރުން 19 އޮންޓޫބަރަށް ޗިލީގަ އެވެ. ބްރެޒިލް ހިމެނެނީ މި މުބާރާތުގެ މެކްސިކޯ އާއި މޮރޮކޯ އަދި ސްޕޭނާ އެއް ގްރޫޕެއްގަ އެވެ. މުބާރާތުގައި ބްރެޒިލް ކުޅެ ފުރަތަމަ މެޗު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށެވެ.