ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ހައްޤަކަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން"ގެ ބިލުން އުނިކަން ނާންނަކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ލަފަޔާއެކު އެބިލުގެ ރިޕޯޓް ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮމިޓީ މަރުހަލާއަށް ހުށަހަޅާ ބިލުތައް ދިރާސާ ކުރުމަށްފަހު ކޮމިޓީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ބިލު ފާސްކުރަންޖެހެއެވެ. އަދި އެއަށްފަހު ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ކައުންސިލް ޖެނެރަލަށް ހުށަހަޅުއްވައި، އެ ބިލެއްގައި ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނާ ތަޢާރުޒުވާ އެއްވެސް ކަމެއް އޮތްތޯ ޔަގީންކޮށް ކައުންސިލް ޖެނެރަލްގެ ލަފަޔާއެކު ކޮމިޓީ ރިޕޯޓް ފާސްކުރަންޖެހެެއެވެ.
މަޖިލީހަށް މިހާރު ހުށަހަޅުއްވާފައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ހޯމަ ދުވަހުއެވެ. އެ ބިލުގެ ކޮމިޓީ ރިޕޯޓް ކައުންސިލް ޖެނެރަލަށް ހުށަހެޅުއްވުމުން ބިލުގައި ޤާނޫނުއަސާސީއާ ނުވަތަ އެއްވެސް ޤާނޫނަކާ ތަޢާރުޒުވާ އެއްވެސް ކަމެއް ނެތް ކަމަށް ކައުންސިލް ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށް ކޮމިޓީން ވިދާޅުވެއެވެ.
މީޑިއާ ބިލުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ތަޢާރުޒުވާ ކަންކަން ނެތް ނަމަވެސް ކައުންސިލް ޖެނެރަލް ބައެއް ލަފާތައް ދެއްވާފައިވާތީ އެ ލަފަޔާ އެއްގޮތަށް ކޮމިޓީ ރިޕޯޓް ފާސްކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޢުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން ދިރާސާކުރި މިބިލަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ. ބިލުގައިހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފެވެ.
ބިލަށް ޝަރީފް ހުށަހެޅި މުހިންމު އިސްލާހު ތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައެވެ. އަދި ބިލުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނުމަށް ވަނީ އިސްލާހު ގެންނަވާފައެވެ.
ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަން ކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވަނީ އިސްލާހު ގެނެސްފައެވެ.
ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްވެސް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ. މީގެ އިތުރުންވެސް ބިލުގައި ކަންބޮޑުވުން ހުރި ގިނަ މާއްދާތަކަށް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ.
މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.