ޚަބަރު

އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމަށް ޚާރިޖީ ވަޒީރު ޤަތަރަށް


  • މިފަހުން ޔަހޫދީން ޤަތަރަށް ދިން ޙަމަލާއާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ

  • ސަރަހައްދީ ހަމަޖެހުން ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ

އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޤަތަރަށް ފުރާ ވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ޔަހޫދީން ޤަތަރަށް ޙަމަލާ ދިނުމާއި ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޤަތަރުން އިންތިޒާމުކޮށްގެން ބާއްވާ ޢަރަބި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ސަމިޓުގައި މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށެވެ. އެގޮތުން ޤަތަރަށް ޔަހޫދީން ދިން ޙަމަލާތަކާއި ފަލަސްޠީނުގައި ޔަހޫދީން ހިންގާ ޖަރީމާތަކާއި ސަރަހައްދީ ހަމަޖެހުމަށް އޮތް ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ޤަތަރާއި ފަަލަސްޠީނުގެ ރައްޔިތުންނާއެކުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޔަހޫދީން އިންސާފުގެ ކުރި މައްޗަށް ގެނައުމުގެ މަސައްކަތުގައި އަބަދުވެސް ރާއްޖެއިން ދެމިއޮންނާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ގްރޭޓަރ އިޒްރޭލް"ގެ ނަމުގައި ޢަރަބި އިސްލާމީ ޤައުމުތަކުން ބައެއް ހިފުމަށް ޕްލޭންތަކެއް އޮތްކަން މިދިޔަ މަހު ހާމަކޮށްފައެވެ. މި ޕްލޭންގައި ޤައްޒާގެ އިތުރުން ލެބަނޮންއާއި ސީރިއާއާއި މިޞްރާއި ޖޯޑަންގެ ބައެއް ހިފުމަށް ނަތަންޔާހޫ ވަނީ ނިންމާފައެވެ.

މި ޕްލޭންގައި ޤަތަރު ނުހިމެނުނަސް، ޔަހޫދީން ޤަތަރަށް ހަމާލާދީފައިވާއިރު، ޢީރާނަށްވެސް ވަނީ ޔަހޫދީން މިފަހުން ހަމަލާދީފައެވެ. ޔަހޫދީން ދަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. ޔަހޫދީން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަމުންދާއިރު، ޔަހޫދީންގެ އަމަލުތައް ކުށްވެރިކޮށް މުޅި ދުނިޔެއިން ދަނީ ޣައްޒާގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.