ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުގެ 4 ވަނަ ޕްރޮގްރާމް ކުޅުދުއްފުށީގައި ފަށައިފިއެވެ.
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ މިޕްރޮގްރާމަކީ ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެކަމަށެވެ. އަދި އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާއި އެކްސިޑެންޓްތައް މަދުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތުދެވޭނެކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ތަމްރީނުތައް ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ތަމްރީނުގައި 59 ޑްރައިވަރުން ބައިވެރިވެއެވެ.
ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމުތައް ސިލްސިލާ ގޮތެއްގައި ފުލުހުން ކުރިއަށްގެންދެއެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުވެސް މި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވެއެވެ. މި ތަމްރީނުތަކަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.