55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް މިމަހު ފެށޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކަށް ފެންވަރު ރަނގަޅު އިމާރާތެއް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން 55 ކައުންސިލެއްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއަށެވެ.
ރާއްޖެ މިއަދު ޕްރޮގުރާމްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް 15 އަށްވުރެ ގިނަ އަހަރުވެގެންދާއިރު، ކައުންސިލްތައް ހިންގަމުން އައީ މަސައްކަތްކުރުމަށް އެކަށޭނަ މާހައުލެއްގައެއް ނޫން ކަމަށެވެ. އެގޮތުން ޖާގައިގެ ކުޑަވުމާއި އިމާރާތް ބައުވުމުގެ ސަބަބުން އެތައް މައްސަލައެއް ކައުންސިލްތަކަށް ދިމާވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ތަން ކުޑަވެފައި ގިނަ ދުވަސްވީމަ މަސައްކަތްކުރެވޭނެ ހާލަތެއްގައެއް ނޫން ހުރީކީ. ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސަށް ފެނިވަޑައިގަތީ ކައުންސިލްތަކަށް މަސައްކަތްކުރެވޭނެ އެކަށޭނަ މާޙައުލެއް ޤާއިމުކުރަންޖެހޭކަމަށް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކައުންސިލްތައް އިމާރާތްކުރުމުގެ މަޝްރޫޢުގެ ތެރެއިން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި 50 ކައުންސިލެއްގެ މަސައްކަތްކުރާއިރު، 55 ކައުންސިލެއްގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނެންސް އުޞޫލުން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން 55 ކައުންސިލްގެ މަސައްކަތް އާރުސީސީއާ މިހާރު ހަވާލުކޮށްފައިވާއިރު، އެ ކައުންސިލްތަކުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިދިޔަ މަހު 16ގައި އެގްރީމެންޓްގައި ސޮއިކުރެވި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި 55 ކައުންސިލްގެ އަމަލީ މަސައްކަތް ފެށިގެންދާނެ. ފަރުނީޗަރާއެކީގައި މަސައްކަތްކުރެވިގެންދަނީ. މީގެ ނަތީޖާއަކަށްވާނީ މަސައްކަތް ނިމުނުން ކައުންސިލްތަކުން ރައްޔިތުންނަށްދެވޭ ޚިދުމަތްތައް ވަރަށް ބޮޑަށް ހަރުދަނާވުން." ވަޒީރު ވިދާޅުވިއެވެ.
55 ކައުންސިލެއްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް މަޝްރޫއަށް ގެނައުމަށް އެ ކުންފުނިން ބޭނުން ނުވުމުން އެ އެއްބަސްވުން ބާތިލުކޮށް މަސައްކަތް އާރުސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ. މި މަސައްކަތް އާރުސީސީއާ ހަވާލުކުރީ 631 މިލިޔަން ރުފިޔާއަށެވެ. ސަރުކާރުން އަމާޒު ހިފާއިފައިވަނީ 11 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100އަށް ވުރެ ގިނަ ރަށުގައި މި ދައުރުގެ ތެރޭގައި ކައުންސިލް ޢިމާރާތް އެޅުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢާއެކު ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވި، ރަށްރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ކައުންސިލްތަކަށް ތަނަވަސް ފުރުޞަތުތަކެއް ފަހިވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.