ހައްދުފަހަނައެޅި ޔަހޫދީ ދައުލަތުން ޤަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
އެމަނިކުފާނު މި ހަމަލާ ކުށްވެރިކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، ޤަތަރުގެ ވެރިރަށް، ދޯހާއަށް ޔަހޫދީ ދައުލަތުން ދީފައިވާ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އިޒްރޭލުގެ މި ޢަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަޠަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ރައީސުްޖުމްހޫރިއްޔާ ވަނީ މި ދަނޑިވަޅުގައި ރާއްޖެ އޮތީ ޤަތަރާއެކުގައި ކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ މުޖުތަމައަށް ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައެވެ. މި ހަމަލާގެ އިތުރުންވެސް ޔަހޫދީ ދައުލަތުން ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފަށް އެކި ޤައުމުތަކަށް ދެމުން އަންނަ ހަމަލާތަކުގައި އެ ޤައުމު ޖަވާބުދާރީ ކުރުވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
Strongly condemn Israeli attack on Doha, the capital of the State of Qatar. Such cowardly actions constitute a serious violation of international law and is a blatant infringement on the sovereignty and territorial integrity of a sovereign nation.
— Dr Mohamed Muizzu (@MMuizzu) September 9, 2025
The Maldives stands in…
އަންގާރަ ދުވަހު ޔަހޫދީ ދައުލަތުން ދޯހާއަށް ހަމަލާ ދީފައިވާއިރު އެ ޤައުމަކީ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާ ކުރަމުން އަންނަ ޤައުމެވެ.
ޔަހޫދީ ދައުލަތުން އަންނަނީ ޣައްޒާގެ އިތުރުން ލުބުނާނާއި ޔަމަނާއި ސޫރިއާއަށްވެސް ބޮމުގެ ހަމަލާތައް ދެމުންނެވެ. އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވެސް އެ ދައުލަތުން އަންނަނީ ލާއިންސާނީ އަމަލުތައް ހިންގަމުންނެވެ.