ޚަބަރު

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި


  • މުނާގެ މަގާމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ނިޔަލަށް

  • މެންބަރުން އައްޔަން ކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

އެޗްއާރުސީއެމަށް މުނާ އައްޔަން ކުރައްވާފައިވަނީ 30 ނޮވެމްބަރު 2020ގައެވެ. އެހެންކަމުން މުނާގެ 5 އަހަރު ދުވަހުގެ ދައުރު އަންނަ މަހުގެ 30އަށް ހަމަވާނެއެވެ.

ޤާނޫނުގައި ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ މެންބަރެއްގެ މަގާމުގެ މުއްދަތު ހުސްވެއްޖެނަމަ ނުވަތަ މަގާމުގެ މުއްދަތު ހަމަވާނަމަ އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވަންޖެހޭނެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ މި ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުން ފާސްވުމަށްފަހުއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށައަޅާ ފޯމު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނާނެއެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން ވިދާޅުވެއެެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު މެންދުރު 12:00 އާ ހަމައަށެވެ.

އެޗްއާރުސީއެމަކީ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މުއައްސަސާއެކެވެ. އެ މުއައްސަސާގައި މިހާރު ތިއްބަވަނީ ރައީސް މަރިޔަމް މުނާ އާއި މެންބަރު ސަމާއު އަހުމަދު ނަޖީބާއި އިސްމާއިލް ހަބީބް އާއި މުޙައްމަދު ޝަފީޤް މަޙްމޫދު އަދި އަޙްމަދު މަޤުސޫމެވެ.