ޚަބަރު

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދަވައިފި


  • މި ކުންފުނިން ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ރާއްޖެ އެތެރެކުރާނެ

  • އަތޮޅުތަކުގެ ރަށްތަކަށްވެސް މިވަޞީލަތްތައް ފޯރުކޮށްދޭނެ

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިފިއެވެ. މިކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވަނީ، ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ މިފަދަ ހުރިހާ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަކީ މިކުންފުނީގެ ޒިންމާއެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކަށް ރާއްޖެއަށް ބޭނުންވާ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި އެކި ވަޞީލަތް ހޯދުންވެފައިވާއިރު، އެކަން ޙައްލުކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން އިޢުލާންކުރައްވާފައެވެ. ސިއްޙީ ދާއިރާއަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާއިރު ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް، ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް ސަރުކާރުންދަނީ އެކި މަސައްކަތް ކުރައްވަމުންނެވެ.

މިގޮތުން އަތޮޅުތެރޭގެ އެކި ރަށްތަކާއި މާލެ ސަރަޙައްދުގައި އިތުރު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އާސަންދައިގެ ދަށުން މީގެކުރިން ޚިދުމަތް ލިބެމުންނުދާ އެކި ޚިދުމަތްތައް އާސަންދަ ސްކީމްގެ ދަށުންދޭގޮތަށްވަނީ ހަމަޖައްސަވާފައެވެ.