މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި އަންހެން ފުލުސް މީހާ ވަޒީފާއިން ވަކިކުރުމަށް ނިންމައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އދ. ކުނބުރުދޫ ދިލްބަހާރުގެ އުމުރުން 31 އަހަރުގެ އައިޝަތު ޝިޔާޒާގެ މައްސަލަ ބެލުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އެ އޮޕަރޭޝަނެއްގައި އިތުރު މީހަކުވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ ހއ. ދިއްދޫ ހަޒާރުމާގެ، އުމުރުން 26 އަހަރުގެ ސައިފުﷲ އަޙްމަދެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ 19 ވަނަ ދުވަހު މާލޭ ވިޔަފާރަވެރިންގެ މިސްކިތް ކައިރިންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވާކަމަށެވެ. އެގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.