މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ "މަލްޓި ސްޕެޝަލިޓީ ކޭމްޕް" ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަށައިފިއެވެ. މި ކޭމްޕަކީ ސިއްޙީ ވުޒާރާއާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން ކުރިއަށްގެންދާ ކޭމްޕެކެވެ.
އަތޮޅުތަކުގެ ރައްޔިތުންނަށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުން ފަސޭހަކުރުމަށް ޚާއްސަ އައުޓްރީޗް ޕްރޮގްރާމްތަކެއް ޞިއްޙީ ވުޒާރާގެ ފަރާތުންވަނީ ފައްޓަވާފައެވެ. މާލެ ސިޓި ގްރޫޕް އޮފް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގައި މިހަފްތާގައި އެހޮސްޕިޓަލުގެ މަލްޓި ސްޕެޝޭލިޓީގެ ޑޮކްޓަރުންގެ ޓިމެއް އަންނަނީ ރ. އުނގޫފާރު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންނެވެ.
މި ޕްރޮގްރާމްގެ ދަށުން ސިކުނޑިއާއި ނާރުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި، ކެންސަރު ބައްޔާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޝަން، އާއްމު އޮޕަރޭޝަންތަކުގެ ޚާއްސަ ޑޮކްޓަރުންނާއި ލެޕްރޮސްކޮޕިކް ސަރޖަރީގެ އިތުރުން، ނުފިލާ ހުންނަ ތަދުތަކަށް ފަރުވާދިނުމުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއް އުނގޫފާރު ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
މިކޭމްޕްގައި މިމަހުގެ 5 އިން މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ޑޮކްޓަރަށް ދެއްކުމާއި އަދި އެކި ސަރޖަރީތައް ކުރުމަށްވަނީ ތާވަލުކޮށްފައެވެ. މިއީ ބަލި މީހުންނަށް އާންމުކޮށް އަތޮޅުތަކުގެ ރައްޔިތުންނަށް ލިބެން ނުހުންނަ ސްޕެޝޭލިޓިގެ ޚިދުމަތްތައް އަތޮޅުތަކުން ފޯރުކޮށްދިނުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މީގެ އިތުރުން މިޕްރޮގްރާމްގެ ދަށުން، އުނގުފާރު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް، ކޭމްޕްގައި ބައިވެރިވާ ޑޮކްޓަރުންގެ ޓީމާއެކު ޢަމަލީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމަމިއާއެކު ހޮސްޕިޓަލުގެ ކްލިނިކަލް މަސައްކަތްތައް ކުރިއަށްދާގޮތް ބަލާ ކެޕޭސިޓީ އެސެސްކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ކޭމްޕް، ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފެށިގެން ކުރިއަށްދަނީ. ޕްރޮގްރާމްގައި:
— Haleem (@22halex) September 6, 2025
އެކި ސްޕެޝަލިޓީތަކުން ޑޮކްޓަރަށް ދެއްކުން
ސަރޖިކަލް އޮޕަރޭޝަންތައް ކުރުން
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން… pic.twitter.com/HNhZ7aWNwR
އަތޮޅުތަކުގައި މިވަގުތު ލިބެންނެތް ސްޕެޝަލިޓީގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ފަހިކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑޮކްޓަރުން މީގެކުރިންވެސް އަތޮޅުތަކަށްވަނީ ދަތުރުކޮށްފައެވެ. އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ލ.އަތޮޅު ގަމު ހޮސްޕިޓަލުގައިވެސް މިފަދަ އައުޓްރީޗް ކޭމްޕުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ އަތޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮގްރާމެކެވެ.
ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އައުޓް ރީޗް ޕްރޮގްރާމްގެ އިތުރުން، ޓެލެމެޑިސިންގެ ޚިދުމަތާއެކުވެސް މަލްޓި ސްޕެޝަލިޓީގެ ޚިދުމަތް ފުޅާކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ރަށުގައި ތިބެގެން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުންވަނީ މަސައްކަތް ފައްޓަވާފައެވެ. މިގޮތުން މިފަދަ ޕައިލެޓް ޕްރޮގްރާމެއް މިވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ފ.އަތޮޅު ހޮސްޕިޓަލާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެންވަނީ ފަށާފައެވެ.