ޚަބަރު

ނިމުނު ހަފްތާ: މުހިންމު ނިންމުންތަކެއް، ޤައުމުތަކުގެ ވެރިންނާއެކު އުންމީދީ މަޝްވަރާތަކެއް


  • ރައީސް ވަނީ ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި

  • އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑުދޭން ނިންމެވި

  • ޝަރުތު ހަމަވާ ޕާޓީތަކަށް 27 މިލިޔަން ރުފިޔާ ދޫކުރަން އީސީން ނިންމެވި

  • ޓޫރިޒަމްގެ އެއް ބާނީކަމަށްވާ އެމްޔޫ މަނިކު އަވަހާރަވީ ނިމުނު ހަފުތާގައި

ނިމުނު ހަފުތާގައިވެސް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރެއްވީ އޮގަސްޓުމަހުގެ 29 ވަނަ ދުވަހުން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މުހިންމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެން ގިނަ މަޝްވަރާތަކެއްކުރައްވާފައެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު 11 ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ.

ޗައިނާ ދަތުރުފުޅުގެ އުސްއަލިތައް:

• ޗައިނާގެ ރައީސްގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުން - 31 އޮގަސްޓް 2025
• ފަލަސްޠީނުގެ ޙައްޤުގައި މަސައްކަތްކުރެއްވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ރައީސް ގޮވާލެއްވުން - 1 ސެޕްޓެމްބަރު 2025
• ބައިނަލްއަޤުވާމީ ނިންމުންތައް ނިންމުމުގައި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތައް ހިމަނަން ރައީސް ގޮވާލެއްވުން - 1 ސެޕްޓެމްބަރު 2025
• ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކުރެއްވުން - 2 ސެޕްޓެމްބަރު 2025
• ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަނާއާ ރައީސް ބައްދަލުކުރެއްވުން - 2 ސެޕްޓެމްބަރު 2025
• 11 ދާއިރާއަކުން ރާއްޖެއާއި ޗައިނާއާ ދެމެދު ފަހުމުނާމާތަކެއްގައި ސޮއިކުރުން - 2 ސެޕްޓެމްބަރު 2025
• ޗައިނާގެ ވިކްޓްރީ ޑޭ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުން - 3 ސެޕްޓެމްބަރު 2025

(30 އޮގަސްޓް 2025) މީގެ އިތުރުން އަންނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑު ދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ޚަބަރަކީވެސް ނިމުނު ހަފްތާގައި ލިބިގެންދިޔަ ފާހަގަކޮށްލެވޭ ޚަބަރެކެވެ. އެމަނިކުފާނު މިގޮތަށް ނިންމެވީ މިއަހަރުގެ އިންޖިނޭރުންގެ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބިޔަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާޙުކުރި ދުވަހާ ގުޅުވައިގެންނެވެ.

ސިޔާސީ ދާއިރާ:

(2 ސެޕްޓެމްބަރު 2025) ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ބޮލަކަށް 193.23 ރުފިޔާގެ މަގުން ސިޔާސީ 5 ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ޚަބަރު ފާހަގަކޮށްލެވެއެވެ. ކޮންމެ އަހަރަކުވެސް އެ އަހަރެއްގެ ދައުލަތުގެ ބަޖެޓު މަޖިލީހުން ފާސްކުރާއިރު، އެ އަހަރެއްގައި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ފައިސާގެ 0.1 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނެއެވެ. ފައިސާ ދޫކުރާނީ ބަޖެޓު ފާސްކުރާ ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ.

(2 ސެޕްޓެމްބަރު 2025) ހަމައެއާއެކު ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭނެކަމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަނުވާތީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްވެ އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީ އުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. (2 ސެޕްޓެމްބަރު 2025) ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ފުރަތަމަ ފަހަރަށް ފަންނީ އޮނިގަނޑެއް އެކުލަވާލައި، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޢަމަލުކުރަން ފެށީ ވެސް އަންގާރަ ދުވަހުއެވެ.

(3 ސެޕްޓެމްބަރު 2025) އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނެންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބަދުރުއްދީން ހަސަން އައްޔަންކުރީވެސް ނިމުނު ހަފުތާގައެވެ. ހަމަ އެ ދުވަހު އެ ކުންފުނީގެ ޗެއަރމަންކަމުގެ މަޤާމަށް މުޙައްމަދު ޝަރީފް ވެސް އައްޔަންކުރައްވާފައިވެއެވެ.

އިޤުތިޞާދާއި ވިޔަފާރި:

(1 ސެޕްޓެމްބަރު 2025) އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލޯގޯ ރަސްމީކޮށް ބޭނުންކުރަން ފެށި ޚަބަރު ފާހަގަކޮށްލެވެއެވެ. (2 ސެޕްޓެމްބަރު 2025) އަދި ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާ ހަވާލުކުރީވެސް ނިމުނު ހަފުތާގައެވެ. އެއަރޕޯޓުތައް ބަދަލުކުރީ ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ.

އެހެނިހެން ދާއިރާތައް:

(30 އޮގަސްޓް 2025) އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބާނީއެއްކަމަށްވާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު ފާހަގަކޮށްލެވެއެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

(30 އޯގަސްޓް 2025) ހަމައެއާއެކު މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން 8 އަތޮޅެއްގައި 18 ޑަޔަލިސިސް ޔުނިޓު ޤާއިމުކުރިކަން ސަރުކާރުން ހާމަކުރެއްވީ ނިމުނު ހަފުތާގައެވެ. އަދި އޭގެ ފަހުން މިވީ 24 އަހަރުގެ ތެރޭގައި ކިޑްނީ ބަލީގެ ކަންބޮޑުވުން އިތުރުވެ ސަރުކާރުންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރައްވާފައެވެ. (31 އޯގަސްޓް 2025) އަދި ރާއްޖޭގައި ނޫސްވެރިންގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ބްރޯޑްކާސްޓިންގ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލު އާންމުކުރީ ވެސް ނިމުނު ހަފުތާގައެވެ.

(1 ސެޕްޓެމްބަރު 2025) މީގެ އިތުރުން މޫނު ބުރުގާ އަޅައިގެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރެވޭގޮތަށް ގަވާއިދަށް އިސްލާހުކޮށްފައިވާއިރު، (3 ސެޕްޓެމްބަރު 2025) ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ފެށީ ވެސް ނިމުނު ހަފުތާގައެވެ.