ޚަބަރު

ޤައުމީ މުބާރާތެއްގައި ދިމާ ބަލިކުރުމަކީ އަބަދުވެސް އަމާޒެއް: ރަފާ


ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގައި އެންމެ ވާދަވެރި ކުޅުންތެރިޔާ ދީމާ އަލީ ބަލިކުރުމަކީ އަބަދުވެސް ކުރަމުން އައި އުންމީދެއް ކަމަށް ދީމާގެ ރެކޯޑް ނިމުމަކަށް ގެނައި ގައުމީ އަންހެން ޓީޓީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް ބުނެފިއެވެ.

ރަފާ ބުނީ ގައުމީ ފައިނަލެއްގައި ދީމާ އަތުން މޮޅެއް ހޯދުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. މި ކާމިޔާބާ އެކު އުންމީދަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އިތުރަށް ލެވެލް މަތިވެގެން ދިޔުން ކަމަށް ރަފާ ބުންޏެވެ.

63 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފައިނަލުގައި އެހާ ބޮޑު ކާމިޔާބެއް ލިބުނީ ވަރުގަދަ ސެމީ ފައިނަލަކަށް ފަހު ފައިނަލާ ކުރިމަތިލުމުން ކަމަށް ރަފާ ބުންޏެވެ.

މިއަހަރުގެ ގައުމީ މުބާރާތުގެ ފައިނަލް ރަފާ މޮޅުވީ ވާދަވެރި ދީމާ އަލީ ހަތަރު ގޭމުން ބަލިކޮށްގެންނެވެ. މުޅި މެޗުގައި ވެސް ރަފާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ފައިނަލަށް ތައްޔާރުވާން މުބާރާތުގައި ރަނގަޅު މެޗުތަކެއް ލިބުނު ކަމަށާއި، އެންމެ ބޮޑަށް ބެލީ ހާސް ކަމެއް ނެތި ކޮންމެ މެޗަކުން ވެސް މޮޅުވުން ކަމަށް ރަފާ ބުންޏެވެ.

ރަފާ މިއަހަރުގެ މުބާރާތާ ކުރިމަތިލީ އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލުކުރުމަށް ވަގުތު ދިނުމުގެ ގޮތުން ކުޅުމާ ދުރުގަ ހުރުމަށްފަހު އެވެ. ރަފާ ބުނީ ދުވަސް ކޮޅަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރިއައިސް ކުޅުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

" އެކަމަކު ސިކުނޑިއަށް ވެސް ހަށިގަނޑަށް ވެސް އަރާމެއް ލިބުނިމީ ބައެއް ފަހަރު އެޑްވާންޓޭޖް ލިބޭ، ކުރިން ކުޅުނު މެޗުތައް ބަލައި ދިރާސާކޮށް ހަދަން އެ ޗާންސް ލިބުނު ބްރޭކް އިނީމަ" ރަފާ ބުންޏެވެ.

ނިމިގެންދިޔަ ގައުމީ މުބާރާތް ދެކެނީ ރަނގަޅު ފޯމެއްގައި ހުރެ ކުޅެވުނު ރަނގަޅު މުބާރާތެއް ކަމަށް ރަފާ ބުންޏެވެ.

ފައިނަލު މެޗުގެ ސެޓުތައް ރަފާ ގެންދިޔައީ 11-09 ، 11-09 ، 11-06 އަދި 13-15 އިންނެވެ. މީގެ ކުރިން 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ރަފާ ވަނީ ގައުމީ ތަށި ކާމިޔާބުކޮއްފައެވެ. މިއީ އޭނާ މިތަށި ހޯދި ތިންވަނަ ފަހަރެވެ.