ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ނިޒާމާގުޅޭ ދިރާސާތަކެއް ޝާއިޢުކޮށް، ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ނިންމާލައިފި


  • ކޮންފަރެންސެއް ބޭއްވުމުގެ ބޭނުމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި ދަތިތައް ދެނެގަތުން

  • ނިޒާމަށް ދިމާވާ ދަތިތަކަށް ތަފާތު ހައްލުތައް ކޮންފަރެންސްގެ ތެރެއިން ވަނީ ހޯދިފައި

ކުޑަކުދިންގެ ޢަދުލުގެ ނިޒާމާގުޅޭ ދިރާސާތަކެއް ޝާއިޢުކޮށް، ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ނިންމާލައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ފެށީ މިއަހަރުގެ މެއި މަހުގެ 10ވަނަ ދުވަހުއެވެ. މި ކޮންފަރެންސް 3 ދުވަހަކަށް ކުރިއަށްގެންދިޔައެވެ. ކޮންފަރެންސް މިހާރު ނިންމާލާފައިވާއިރު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާގުޅޭ ދިރާސާތައް ހިމެނޭ ފޮތެއް ވަނީ ނެރެފައެވެ.

ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢައިޝަތު މުޙައްމަދު ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ ބޭނުމަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ތަންފީޒުކުރުމުގައި ހުރި ދަތިތައް ދެނެގަނެ، އެ ދަތިތަކަށް ވަށައިޖެހޭ ހައްލެއް ގެނައުން ކަމަށެވެ.

ޢައިޝަތު މުޙައްމަދު ވިދާޅުވީ ކޮންފަރެންސް ފެށުމުގެ ކުރިން ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭ އެކި މަޢުޟޫތަކަށް ޢިލްމީ ދިރާސީ ކަރުދާސްތަކެއް ތައްޔާރުކުރެވުނު ކަމަށެވެ. އަދި ކޮންފަރެންސްގައި ބަދަލުކުރެވުނު މަޢުލޫމާތުތައް ބިނާކޮށްފައިވަނީ މި ދިރާސާތަކުގެ މައްޗަށްކަމަށް ޢައިޝަތު މުޙައްމަދު ވިދާޅުވިއެވެ.

"ފުރަތަމަ ދުވަހު ފަންނީ މަޝްވަރާތަކެއް ކުރިއަށްގެންދިޔައިން ކުށްކުރަން ހުޅުވިފައިވާ ދޮރުތަކާއި އެ ދޮރުތައް ބަންދުކުރުމުގެ މައްޗަށް. އަދި ކުދިން ރީހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރެވޭނެ ގޮތްތަކުގެ މައްޗަށް." ޢައިޝަތު މުޙައްމަދު ވިދާޅުވިއެވެ.

ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވީ ދިރާސާތައް ހިމެނޭ ފޮތުގައި ކޮންފަރެންސްގެ ކުރިން އެކުލަވާލި ދިރާސީ ކަރުދާސްތައް ހިމެނޭނެ ކަމަށެވެ. އަދި މިއީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭ ދިރާސާތަކެއް ހިމެނިގެން ފޮތެއް ނެރޭ ފުރަތަމަ ފަހަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމަސް މުބާރިކް ވިދާޅުވީ ކުޑަކުދިންގެ ޖިނާޢީ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ވަރަށް ގިނަ މަޢުޟޫތަކަށް މަޝްވަރާކުރެވި، ތަފާތު ހައްލުތައް ކޮންފަރެންސްގެ ތެރެއިން ހުށައެޅިފައިވާ ކަމަށެވެ. އެގޮތުން ދުރާލާ ކުށުގެ ވެށިން ދުރުކުރުމަށްޓަކައި ކުޑަކުދިންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި މުޤައްރަރުގެ ތެރެއިން ވޮކޭޝަނަލް ޓްރެއިނިން ދިނުމާއި ބެލެނިވެރިން ހޭލުންތެރިކުރުން މުހިންމުކަމަށް އަލްމަސް ވިދާޅުވިއެވެ. އޭރުން ކުށުގެ މާޙައުލުން ކުޑަކުދިން ދުރުކުރެވިދާނެކަމަށް އަލްމަސް ވިދާޅުވިއެވެ.

"ކުށަށް ހުށައެޅިފައިވާ ކުއްޖާއާއި އެ ކުއްޖާ ކުށަށް ހުށައެޅި މީހާއާމެދު މީޑިއޭޝަން ކުރިއަށްގެންދިއުމާއި ފެމިލީ ކޮންފަރެންސިން ރާއްޖޭގައި ޕްރެކްޓިސްނުކުރޭ. މިކަހަލަ ކަންކަން ކޮށްފިނަމަ ބަންދަށް ކުއްޖާ ދިއުމުގެ ކުރިން އަނބުރާ މުޖުތަމަޢަށް ނެރުމަށް މަގުފަހިވޭ." އަލްމަސް ވިދާޅުވިއެވެ.

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމުގެ މަޤުސަދުގައި ބޭއްވި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޕީޖީ އޮފީހާއި ޔުނިސެފްއާއި ފުލުހުންގެ ޚިދުމަތާއި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ އިތުރުން ކޮލެޖުތަކާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ބައިވެރިވިއެވެ.