ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނޭކުރެންދޫއަށް ވަޑައިގެންފިއެވެ.
މިއީ އެމަނިކުފާނު ހދ. އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 10ވަަނަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނޭކުރެންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ނޭކުރެންދޫގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނޭކުރެންދޫގައި އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ތަފާތު އެކި މަޝްރޫޢުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ނޭކުރެންދޫގައި އަލަށް ގާއިމު ކޮށްފައިވާ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމާއި، ހޭންޑްބޯލް ކޯޓް ހުޅުވައިދެއްވުމާއި، އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ އިތުރުން އެރަށުގެ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާއެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.