ޚަބަރު

ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއެއް ބުދަ ދުވަހު


  • މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު

  • ދައުރުން ބޭރުން ބައްވާ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރާނެކަމަށް ވިދާޅުވި

ދައުރުން ބޭރުން ބާއްވަވާ މަޖިލީހުގެ ޖަލްސާއެއް އަންނަ ބުދަ ދުވަހު އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އަންނަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިވީނަމަވެސް، އެ ޖަލްސާ ބާއްވަނީ ކީއްވެގެންކަަމެއް މަޖިލީހުން ހާމައެއް ނުކުރައްވައެވެ. މަޖިލީހުގެ އިދާރާއިން ވިދާޅުވީ އެ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރައްވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ ޖުމްލަ 27 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެއީ 46 ގަޑިއިރުގެ މަސައްކަތް ކަމަށް މަޖިލީހުން ވިދާޅުވެއެވެ.

މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށްދެއެވެ. އެގޮތުން، ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 127 ކޮމިޓީ ބައްދަލުވުންތައް ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓް ހޭދަވި ކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކައެވެ.

ދެވަނަ ދައުރުގައި ވަނީ މިހާތަނަށް މަޖިލީހުގައި ނުނިމިހުރި ބައެއް މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ދެވަނަ ދައުރު ނިމުނުއިރު 24 ބިލެއްގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންގޮސްފައިވާއިރު އޭގެތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު މިއަހަރުގެ ބާކީ އޮންނާނީ އެއް ދައުރެވެ. އެގޮތުން، ތިންވަނަ ދައުރުގެ މަސައްކަތް ފެށޭނީ އޮކްޓޫބަރު މަހުއެވެ. ދައުރު ނިންމާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.