އުތުރު އަދި މެދުތެރޭ އެމެރިކާގެ ތިން ޤައުމުކަމުގައި މެކްސިކޯ، ކެނެޑާ އަދި އެމެރިކާގައި މިފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ވަގުތު ކުޑަތަންވަމުން އައިއިރު މިމުބާރާތާއި މެދު ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދިޔައެވެ. ސަބަބުތައް ވަރަށް ގިނައެވެ. މިމުބާރާތް ވެގެންދާނީ ފީފާއިން އާންމުކޮށް ބާއްވަމުންދިޔަ 32 ޓީމުގެ ބަދަލުގައި 48 ޓީމާއެކު ކުޅޭ ފުރަތަމަ މުބާރާތަށް ވެގެންދިއުމެވެ. މުބާރާތުގައި ކުޅޭ މެޗުތަކުގެ އަދަދު 64 އިން 104 އަށް އިތުރު ވެގެންދިއުމެވެ. 48 ޓީމަށް އިތުރު ވުމުން މެޗުތަކުގެ ފެންވަރާއި މެދު އުފެދެމުންދިޔަ ސުވާލުތަކެވެ. ނަމަވެސް މިއަށްވުރެ ބޮޑަށް މުބާރާތުގެ ބޮޑު ބައި ކުޅުމަށް ހަމަޖެހިފައިވި އެމެރިކާއިން އެޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ގެނައި ބައެއް ބަދަލުތަކާއި އެކު ވީސާ ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން އުފެދެމުންދިޔަ ސުވާލުތަކެވެ. ފީފާއިން މިފަހަރުގެ މުބާރާތާއި ދިމާކޮށް މެޗުތަކުގެ ޓިކެޓްތަކުގެ އަގު ބޮޑުވުމުގެ ޝަކުވާތަކެވެ.
އެމެރިކާގެ ރައްޔިތުންގެ މެދުގައިވެސް ވިސްނުންހުރީ ހަމަ މިކަހަލަ ގޮތަކަށެވެ. ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއް އަމިއްލަ ފަސްގަނޑުގައި ބާއްވަން ގާތްވެފައިވަނިކޮށް އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހިތްހަމަ ނުޖެހުން އަމާޒުވަމުންދިޔަ ދަނޑިވަޅެއްގައި މިމުބާރާތް ބަލަން ފަތުރުވެރިން އައިސްދާނެތޯ އުފެދެމުންދިޔަ ސުވާލެވެ. ނަމަވެސް ޖޫން މަހުގެ 11 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖެހިއިރު މެކްސިކޯ ސީޓީ ސްޓޭޑިއަމް ނުވަތަ އެޒްޓެކާ ސްޓޭޑިއަމްގައި ބްރެޒިލްގެ ރެފްރީ ވިލްޓަން ސެމްޕާއިއޯގެ ކަށިގަނޑުގެ އަޑާއެކު ކުރިން މިދެއްކި ހުރިހާ ކަމެއް ހަނދާނުން ފިލައިގެންދިޔައެވެ. މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗު ބަލާލުމަށް ދަނޑަށް ވަދެތިބި 80 ހާސް 824 ކުޅިބެލުންތެރިންގެ އަޑާއެކު އެހެން ހުރިހާ އަޑެއް މަޑުވެގެންގޮސް ވޯލްޑް ކަޕްގެ ފޯރި އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފިތަން ފެނިގެންދިޔައެވެ. އަދި 48 ޓީމާއެކު މެޗުތަކުގެ ފެންވަރާއި މެދު އުފެދެމުންދިޔަ ސުވާލުތަކަށް މިމުބަރާތުގައި އަލަށް ވާދަކުރި އަދި ކުދި ޓީމުތަކުގެގޮތުގައި ފާހަގަ ކުރެވިފައިވި ޓީމުތަކުން ރަނގަޅު ޖަވާބެއްވެސް ދީފައެވެ.
ކުރިން އަންނާނެ ކަމާމެދު ސުވާލު އުފެދިގެންދިޔަ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިން ނާއެކު މުބާރާތް ބާއްވާ ތިން ޤައުމު ފުރިގެންދިޔަތަން ފެނިގެންދިޔައެވެ. މިހާތަނަށް ބޭއްވޭ އެންމެ ކާމިޔާބު މުބާރާތަށް މިމުބާރާތް ވެގެންދާނެކަމަށް ފީފާއިން ކުރިން ބުނަމުންދިޔަ ވާހަކަ ހަގީގަތަކަށް ވަމުންދިޔަތަން ފެނިގެންދިޔައެވެ. މެޗުތަކުގެ ޓިކެޓްގެ އަގު ބޮޑުވުމާއެކުވެސް މުބާރާތުގެ ގިނަ މެޗުތައް ދިޔައީ ކުޅިބެލުންތެރިންނައިގެން ފުރެމުންނެވެ. އަދި އެމެރިކާ، ކެނެޑާ އަދި މެކްސިކޯއަށް ޒިޔާރަތް ކުރަމުންދިޔަ އެތައް މިލިއަން ރައްޔިތުންނަށް މިޤައުމުތަކުގެ ރައްޔިތުން ދިޔައީ ހޫނު މަރުހަބާއެއް ކިޔަމުންނެވެ. ހަމައެއާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން މިތިން ޤައުމަށް ޒިޔާރާތް ކުރި އެކިޤައުމުތަކުގެ ރައްޔިތުންވަނީ މުބާރާތް ބޭއްވިގެންދިޔަ ސިޓީ ތަކާއި މުބާރާތުގައި ބައިވެރިވާ 48 ޓީމު ކޭމްްޕް ޖަހާފައިވާ ރަށްރަށުގެ ރައްޔިތުންނާއި ހާއްސަ ގުޅުމެއް ގާއިމްކޮށް ހަނދާނުން ފިލައިގެންނުދާ އުފާވެރި ހަނދާންތަކަކުން ފުރާލާފައެވެ.
ޕެނެމާގެ ސަޕޯޓަރުން ނިއުޔޯކްގެ ޓައިމް ސްކުއެއަރ ފުރާލި ފުލާލުމާއި ކްރޮއޭޝިއާގެ ސަޕޯޓަރުން ޑެލަސްގައި ބޭއްވި ހިނގާލުމުން ގޮސް ބޮސްޓަންގެ ރައްޔިތުންގެ ހިތުން ސްކޮޓްލަންޑްގެ ސަޕޯޓަރުން ހޯދި ޖާގަ މިއީ މީގެތެރެއިން ކުޑަމިންވަރެކެވެ. އަދި ހަމައެއާއެކު ނޯވޭގެ ސަޕޯޓަރުންގެ ވައިކިންގ ރޯވަނީ މުޅި ދުނިޔޭގެ ސަމާލުކަން އެކަމަކަށް ދަމައިގެންފައެވެ.
މިފަހަރު އެމެރިކާގައި ކޭމްޕް ކުރި ގިނަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ހިތްތަކާއި ކުޅެލި އެއް ޓީމަކަށް އެމެރިކާގެ ގިނަ ރައްޔިތުން ބުނާގޮތުގައި ވެގެންދިޔަ އަލްޖީރިއާގެ ޓީމެވެ. އެމެރިކާގެ ފުޓްބޯޅަ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން ދިރާސާ ކުރަމުންދާ ރޮޖަރ ބެނެޓު ބުނާގޮތުގައި އަލްޖީރިއާ ޓީމުން ކޭމްޕް ކުރި ކެންސަސްގެ ކޮލެޖު ޓައުނެއްކަމަށްވާ ލޯރަންސް އާއި އެޓީމުގެ ވާހަކަ ގިނަ ދުވަސް ތަކެއް ވަންދެން ދެކެވިގެންދާނެއެވެ. އަލްޖީރިއާ ޓީމަށް މަރުހަބާ ކިޔުމަށްޓަކައި ލޯރެންސްގެ ރައްޔިތުން ދެ އަހަރު ކުރިން އަލްޖީރިއާގެ ތާރީހާއި އާދަކާދައިގެ އިތުރުން ފްރެންޗް އަދި އަރަބި ބަސް ދަސްކޮށްފައިވާއިރު އެޓީމަށް އެޓައުނުން ލިބިގެންދިޔަ މެހެމާންދާރީއަށް އެޓީމުންވެސް ވަރަށް ރަނގަޅަށް ޝުކުރު އަދާކުރިއެވެ. މިގޮތުން ލޯރެންސްެގެ ރައްޔިތުން އެންމެ ހިތްހަމަ ޖެހިގެންދިޔައީ އާންމުކޮށް ފައްސާހަކަށް މީހުންނަށް ކުޅިބަލަން ވައްނަން ހުއްދަ އޮންނަ ކޮމިއުނިޓީ ޓްރެއިނިންގ ސެޝަންއަށް އަލްޖީރިއާއިން 2000 މީހުންނަށް ވަނުމުގެ ހުއްދަ ދިނުމެވެ. އެޓީމުގެ ކުޅުންތެރިންވަނީ ލޯރަންސްެގެ ޒުވާން ކުޅުންތެރިންނާއެކު ފުޓްބޯޅަ ކްލިނިކެއްވެސް ބާއްވަދީފައެވެ. އަދި ޖަރޒީގައި ސޮއި ކުރުމުގެ އިތުރުން ލޯރަންސްގެ ރައްޔިތުންނާއެކު ސެލްފީ ނެގުމުގެ ފުރުސަތުވެސް ދީފަވެއެވެ. މިއީ މުބާރާތުގެ ތެރެއިން އެއް ވާހަކައެވެ. މީގެ ކިތަންމެ ވާހަކައެއް ކުރިއަށްއޮތް ދުވަސްތަކުގައި އަޑުއިވުމުގެ ނުވަތަ ކިޔާލަން ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ނަންބަރުތަކަށް ބަލާލާއިރުވެސް މިއީ ކާމިޔާބު މުބާރާތެއްގެ ގޮތުގައި ބުނުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން މިހާރުވެސް މިމުބާރާތުގެ މެޗްތައް ބެލުމަށް ވަން ކުޅިބެލުންތެރިންގެ އަދަދު މިވަނީ މިހާތަނަށް އެންމެ ގިނައިން ކުޅިބަލަން ވަން ކަމަށް ރިކޯޑް ކުރެވިފައިވާ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުގައި ދަނޑަށް ވަން އަދަދާއި އަޅާބަލާއިރު ދެގުނައާއި ގާތް ކުރާ އަދަދަކަށް އިތުރުވެފައެވެ. 94 ވަނަ އަހަރު ދަނޑަށް ވަން މީހުންގެ އަދަދު 3.5 މިލިއަނުގައި އުޅުނުއިރު މިފަހަރުގެ މުބާރާތުގައި 96 މެޗު ނިމުނުއިރު ވަނީ 6.25 މިލިއަނަށް ވުރެ ގިނަ މީހުން ކުޅިބަލަން ވަދެފައެވެ. އަދި ބާކީ އޮތް 8 މެޗާއެކު މުޅި މުބާރާތުގެ އަދަދުތައް ފީފާއިން ހާމަކުރާއިރު 7 މިލިއަން ނުވަތަ އެއަދަދާއި ގާތް ކުރާ އަދަދަކަށް އަރާނެކަމަށްވަނީ ބެލެވިފައެވެ. މިއީ އެވްރެޖްކޮށް ބަލާއިރު މެޗަކަށް 65 ހާސް ކުޅިބެލުންތެރިންނެވެ. އަދި މިމުބާރާތުގައި 102 މެޗު ކުޅެފައިވާއިރު މިހާތަނަށްވަނީ 297 ލަނޑު ފެނިގެން ގޮސްފައެވެ. މިއީ 2022 ވަނަ އަހަރުގެ މުބާރާތާއި އަޅާބަލާއިރު 125 ލަނޑު އިތުރު އަދަދެކެވެ. އަދި މިމުބާރާތުން ފިފާ އަށާއި މުބާރާތް ބާއްވާ ތިން ޤައުމަށް ލިބިގެންދާ އާންމުދަނީވެސް އުޅެނީ ވަރަށް މަތިގައެވެ.
ކާމިޔާބީގެ ވާހަކަ ދައްކާއިރު އެހެން މުބާރާތް ތަކެކޭ އެއްގޮތަށް ފާޑުކިޔުމާއި ސުވާލު އުފައްދާނެ ޖާގަ ލިބިގެންދިޔަ ކަންތައްތަކެއްވެސް ހިނގައިދިޔަކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިގޮތުން މުބާރާތް ފެށުމުގެ ކުރިން މުބާރާތުގައި ބައިވެރިވާނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދިފައިވި އީރާންގެ ޓީމާއި މެދު ކަންކުރިގޮތާއި ސޮމާލިއާގެ ރެފްރީ އޮމަރު އާރްތާން 11 ގަޑިއިރު ވަންދެން އެމެރިކާގެ އިމިގްރޭޝަނުން ސުވާލުކުރުމަށް ބޭންދުމަށްފަހު އެމެރިކާއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލި ފޮނުވާލުން ފާހަގަ ކޮށްލެވެއެވެ. ހަމައެއާއެކު އެމެރިކާގެ ފޯވަޑް ފޮލަރިން ބެލަގުންއަށް ދެއްކި ރަތް ކާޑު ފީފާގެ ޑިސިޕްލިނަރީ ކޮމެޓީއިން އެއް އަހަރު ދުވަހަށް ސަސްޕެންދް ކުރި ކުރުން އަދި ފަހުން އެކަން ކުރުމުގައި އެމެރިކާގެ ރައީސް ފީފާގެ ރައީސް ކައިރިން އެދިވަޑައިގެންނެވިކަން ހާމަވުން ވެގެންދިޔައީ ފީފާގެ މައްޗަށް އޮތް އިތުބާރާމެދު ސުވާލު އުފެދިގެންދިޔަ ކަމަކަށެވެ.
މިހުރިހާ ކަންތައްތަކާއެކުވެސް 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ކުރިން 67 ވަނައަށް އެންމެ މަޤްބޫލް ކުޅިވަރުގެގޮތުގައި އޮތް ސޮކަރ މިހާރު ތިންވަނައަށް އެންމެ މަޤްބޫލް ކުރިވަރަށް ވެގެން ގޮސްފައިވާ އެމެރިކާގައި ބޮޑުބައި ބޭއްވިގެންދާ މިފަހަރުގެ ވޯލްޑް ކަޕް ފީފާއިން ނާއި މުބާރާތް ބާއްވާ ތިން ޤައުމުން ސިފަކުރަނީ ކާމިޔާބު މުބާރާތެއްގެގޮތުގައެވެ. މިމުބާރާތުގެ ފައިނަލް މެޗުގެ ކުރިން ފީފާއިން އިންތިޒާމް ކޮށްގެން ނިއުޔޯކްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަމުން ޖިއާނީ އިންފަންޓީނޯ ބުނީ އެމެރިކާގެ ހުނަފެން ހަގީގަތަކަށް ހެދިއްޖެކަމަށެވެ. އަދި 2018 ވަނަ އަހަރު މިމުބާރާތަކީ ކާމިޔާބު މުބާރާތަކަށް ހަދައިދޭނެކަމަށް އެމެރިކާގެ ރައީސް ކައިރީ ބުނިބުނުން ހަގީގަތަކަށް ވެއްޖެ ކަމަށާއި މިފަހަރުގެ މުބާރާތްވަނީ އެކަކުވެސް އުންމިދު ނުކުރާވަރުގެ ކާމިޔާބު މުބާރާތަކަށް ވެގެންގޮސްފައިކަމަށް އިންފަންޓީނޯ ބުންޏެވެ. އަދި މިކަން މިގޮތަށް ހާސިލް ވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ ސަރުކާރުގެ ދައުރު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ. ދެން އޮތީ ތިބޭފުޅުން ދެކިވަޑައިގަންނަވާގޮތެވެ. ފީފާގެ ވާހަކައަށް ބައެއް ފަރާތްތަކުން އެއްބަސްވާނެއިރު މިކަމާއި ދެކޮޅަށް ވާހަކަ ދައްކާނެ ފަރާތްތަށްވެސް މަދެއް ނުވާނެއެވެ.
ހަމައެއާއެކު ފީފާގެ ރައީސް ވަނީ 2030 ވަނަ އަހަރު ތިން ބައްރެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކުރިން މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48 އިން 64 އަށް އިތުރު ކުރުމާމެދު ފީފާގެ ތެރޭގައި މަޝްވަރާ ކުރެވޭނެކަމަށް ބުނެފައެވެ.
ފީފާގެ ރައީސް ބުނީ މިފަހަރުގެ މުބާރާތުގައި ވާދަކުރި ހުރިހާ ޓީމެއްވެސްވަނީ ވަރަށް މަތީ ފެންވަރެެއްގައި ވާދަކޮށްފައިކަމަށެވެ. މިގޮތުން މުބާރާތުގައި ވާދަކުރި ހުރިހާ ބައްރެއްގެ ޓީމުތަކުންވަނީ މިފަހަރުގެ މުބާރާތުގައި ލަނޑު ޖަހާފައެވެ. އަދި އެފްރިކާއިން ވާދަކުރި 10 ޓީމުގެ ތެރެއިން 9 ޓީމު ވަނީ ނޮކް އައުޓް ބުރުން ޖާގަޙޯދައިފައެވެ. އެހެން ކަމުން ހުރިހާ ޓީމުތަކަކަށް ފުރުސަތު ހުޅުވާލާ ވީހާވެސް ގިނަ ޓީމުތަކަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ މުހިންމުކަން ފީފާގެ ރައީސް ފާހަގަ ކުރިއެވެ.
2030 ވަނަ އަހަރުގެ މުބާރާތަކީ ވޯލްޑް ކަޕަށް 100 އަހަރު ފުރޭ މުބާރާތް ކަމުން ފުރަތަމަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދެކުނު އެމެރިކާގެ އުރުގުއާއީ، އާޖެންޓީނާ އަދި ޕެރަގުއާއީގައެވެ. އަދި މުބާރާތުގެ ބާކީ އޮތް ބައި ކުޅޭނީ އެފްެރިކާ ބައްރަށް ނިސްބަތްވާ މޮރޮކޯ އާއި ޔޫރަޕަށް ނިސްބަތްވާ ޕޯޗުގަލް އަދި ސްޕެއިންގައެވެ.