މާލެ ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ދޫކުރުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ދޫކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން ނިންމައިފިއެވެ.
ނޯތު ހާބަރުގައި އޮޑިދޯނިފަހަރަށް ދޭ ޚިދުމަތްތައް ހަރުދަނާކޮށް، މުދާ އުފުލާ އުޅަނދުފަހަރަށް ފަސޭހަ މާހައުލެއް ގާއިމުކުރުމަށް އެމްޕީއެލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙްމަދު ޢައްޒާމް ޝަރީފް ވިދާޅުވީ، ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށް މިހާރުވެސް ބައެއް ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ދޯނިފަހަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބެމުންދާ ކަމަށް އައްޒާމް ވިދާޅުވިއެވެ.
އައްޒާމް ވިދާޅުވީ، ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭގެ ތިރީބައިވެސް ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށްފައިވާ ކަމަށާއި، އެތަނުން ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓްތައް މިހާރު އިޢުލާން ކުރަމުންދާ ކަމަށެވެ. ބޯޓުފަހަރަށް ބޭނުންވާ މުދާ ބަނދަރު ސަރަހައްދުން ފަސޭހަކަމާއެކު ލިބެން ހުރުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި، ޚިދުމަތް ދޭ ފަރާތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން އިތުރު 6 ސްލޮޓް ދޫކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
އިއުލާންކުރެވި ބިޑް އުސޫލުން އެތަންތަން ލިބުނީމައި އެތަން ތަން ނަގާ ބޭފުޅެއްވިއްޔާ ގުދަންކޮށްގެން ނުވަތަ ވިޔަފާރި އުސޫލުން އެތަނުގައި އެއްޗިހި ބަހައްޓައިގެން ބޯޓުތަކަށް ޑެލިވަރ ކުރެވޭނެ. ބޯޓުތަކަށްވެސް ލިބޭނެ ފަސޭހައެއް. ތަންކޮޅެއް ދުރުގައި ހުންނަ ފިހާރައަކުން ލިބޭ އެއްޗެއް ކައިރިން ލިބުން ވާނީ ވަރަށް ބޮޑު ފަސޭހައަކަށް. ފިހާރާގެ މީހަކަށް ލިބޭ ފަސޭހައެއް. އޮޑިދޯނި ފަހަރަށްވެސް ލިބޭ ފަސޭހައެއް. އިތުރު 6 ސްލޮޓް އިންނާނެ އިއުލާންކުރެވިފައި." އައްޒާމް ވިދާޅުވިއެވެ.
އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަޙްމަދު ޢައްޒާމް ޝަރީފް ވިދާޅުވީ، ސްލޮޓް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށެވެ. މީގެ މައިގަނޑު މަގުސަދަކީ ވީހާވެސް އަވަހަށް އަދި ހެޔޮ އަގުގައި މުދާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން މުދާ ދޫކުރި ނަމަވެސް، ބޯޓުފަހަރަށް މުދާ ޑެލިވަރީ ކުރުމުގައި މި ނިޒާމުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.