ކުޅިވަރު

އިންޓަވަލް ގަޑީގައި ކޯޗު އެންގީ ތިން ޕޮއިންޓް ކަށަވަރުކުރަން: ޕެޑްރީ


ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި ގޮތް ކިޔައިދިން އެއް ކުޅުންތެރިއަކީ މިޑްފީލްޑަރު ޕެޑްރީއެވެ.

މި މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގައި ލެވަންޓޭ އެވެ. އޭގެ ފަހުން ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހީ 49 ވަނަ މިނިޓްގައި ޕެޑްރީ އެވެ. ދެ ވަނަ ގޯލު ޖެހީ ފެރަން ޓޮރޭޒެވެ. މެޗުން މޮޅުވި ގޯލަކީ އިތުރު ވަގުތުގައި ލެވަންޓޭ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕެޑްރީ ބުނީ ދެ ލަނޑުން ބަލިވެގެން ޗޭންޖިން ރޫމަށް ދިއުމުން ކޯޗު ހަންސީ ފްލިކް އިރުޝާދު ދިނީ މެޗުން ކޮންމެ ގޮތެއް ހަދާފައި ވެސް ތިން ޕޮއިންޓް ހޯދަން ކަމަށެވެ.

"ކޯޗު ބުނީ މި މެޗުގެ ތިން ޕޮއިންޓް އަހަރުމެން ހޯދަން ޖެހޭ ކަމަށް. އޭނާ ވަރަށް ބޮޑަށް ބާރު އެޅި އެކަމަށް. ދެ ވަނަ ހާފުގައި ކުޅުންތެރިން އެކަމަށް ވިސްނައިގެން،" ޕެޑްރީ ބުންޏެވެ.

ބާސެލޯނާއިން ފަހު ހާފަށް ނުކުތީ ބަދަލުތަކަކާއެކުގަ އެވެ. މެދުން މާކް ކަސާޑޯ އަރިމަތިން މާކަސް ރަޝްފޯޑް އަދި ހާފުގެ މެދަކާ ހަމައިން ރޮނަލްޑް އަރައުހޯ އާއި ބަލްޑޭ ވެސް ބޭލި އެވެ. މީގެ ބަދަލުގައި ގަވީ އާއި އޮލްމޯ އަދި އޭގެ ފަހުން ރޮބަޓް ލެވޮންޑޯސްކީ އާއި އަންދްރޭސް ކްރިސްޓިއަންސެން އަރުވައި ބާސެލޯނާއިން ކުޅުން ވަރުގަދަ ކުރި އެވެ.

"އަހަރުމެން ފުރަތަމަ ހާފުގައި ފެނުނީ ޖޯޝެއް ނެތި. ވަރަށް ރޫހު ދެރަކޮށް ފެނުނީ. އޭގެ ބަދަލުގައި ފަހު ހާފުގައި ކުޅުންތެރިން ކުޅެގަތީ މޮޅުވާން އަޒުމް ކަނޑައަޅައިގެން. މިހެންވެ މޮޅުވީ، ކޯޗު ބުންޏެވެ.