ކުޅިވަރު

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ޒަރީރު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަޙްމަދު ޒަރީރު ހަމަޖައްސައިފިއެވެ.

އޭނާ އަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުރީގެ ބޯޑު މެންބަރެކެވެ. އެއީ 2012 އިން 2015 ވަނަ އަހަރަށެވެ. މީގެ އިތުރުން އޭނާ އަކީ ކުރިން ފުޓްބޯޅަ ޚަބަރު ލިޔާ ނޫހެއް ކަމަށްވާ މޯލްޑިވްސް ސޮކަރ އުފަންކުރި އެއް ބައިވެރިޔާވެސް މެއެވެ.

ޖެނެރަލް ސެކްރެޓަރީގެ އިތުރުން ޒަރީރަކީ އެފްއޭއެމްގެ އިންޓަރނޭޝަނަލް ރިލޭޝަންސް ކަންކަމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާނެ ބޭފުޅާއެވެ. އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އުރީދޫ ފަދަ ބޮޑެތި ކުންފުނިތަކުގައިވެސް މަސައްކަތް ކުރައްވާފައެވެ.

ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އޭނާ އައްޔަންކުރީ އިއްޔެ ހަވީރު އޮތް އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައެވެ.

އެފްއޭއެމްގެ ރައީސްކަމަށް ނިއު ރޭޑިއަންޓުގެ ކުރީގެ ފޯވާޑް އަޙްމަދު ޠާރިޤު (ޓޮމް) އިންތިޚާބުވި ފަހުން މިހާތަނަށް ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރަމުން ގެންދިޔައީ ނޯމަލައިޒޭޝަން ކޮމިޓީން ވަގުތީ ގޮތުން އެ މަގާމުގައި ބެހެއްޓި މުޙައްމަދު ޝުޖާއުއެވެ.