ކުޅިވަރު

17 އަހަރުން ދަށުގެ ކޯޗުކަން ސޮބާ އަށް، ފުޓްސަލް ކޯޗުކަން ނިޔާ އަށް


ރާއްޖޭގެ ގައުމީ 17 އަހަރުން ދަށުގެ ގައުމީ ކޯޗުކަން ސޮބާހް މުހައްމަދަށް ދީފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ސޮބާ އެންމެ ފަހުން ހުރީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމުގެ މަގާމުގަ އެވެ.

ސޮބާ އަށް ކޯޗުކަން ދީފައިވަނީ ކުރިއަށް އޮތް 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. އޭނާ ވަނީ ވިކްޓަރީ އާއި ވެލެންސިއާ އަދި ގްރީން ސްޓްރީސް އަށް ވެސް ކޯޗުކޮށްދީފަ އެވެ.

ސޮބާ އަށް 17 އަހަރުން ދަށުގެ ކޯޗުކަން ދޭން އެފްއޭއެމުން ނިންމީ މިއަދު ހަވީރު ބޭއްވި އެކްސްކޯ ބައްދަލުވުމުގަ އެވެ. މި މަގާމަށް އޭނާއާ ތިން ކޯޗަކު ވާދަކުރި އެވެ. އެއީ ކުރީގެ ކޯޗު މުހައްމަދު ޝާހިދު އާއި އަހުމަދު ނާޝިދާއި، ފަރީދު މުހައްމަދެވެ.

ސޮބާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ.

ގައުމީ ފުޓްސަލް ކޯޗުކަން ދިނީ ފުޓްސަލްގައި ކާމިޔާބު ހޯދަމުން އަންނަ ކުރީގެ މިޑްފީލްޑަރު އަހުމަދު ނިޔާޒަށެވެ. އޭނާ އަށް ކޯޗުކަން ދިނީ އަންނަ މަހު މިޔަންމާގައި ބާއްވާ އޭއެފްސީ ފުޓްސަލް ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ޓީމު އެކުލަވާލުމަށެވެ.