ކުޅިވަރު

ރާއްޖޭގެ ފުޓުބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ކުރިއަށްދާނެ


ރާއްޖޭގެ ފުޓުބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ރާވާފައިވަކަމަށާއި އެ ހަރަކާތްތައް ކުރިއަށްދާނީ އެފްއޭއެމްގެ ކުޅިވަރު ކަލަންޑަރާ ގުޅިލާމެހިންގެންކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް އެފްއޭއެމްއިން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީން ކުރިއަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޓީގެ ނައިބު އަހުމަދު މުބީން ވިދާޅުވީ މި ހަރަކާތްތައް ކުރިއަށްދާނީ އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ކުޅިވަރު ކަލަންޑަރާ ލާމެހިގެންދާގޮތަށްކަމަށެވެ.

"އެފްއޭއެމްގެ އެކްސްކޯއިން ނިންމާފަ މިއޮތް ކަލަންޑަރު، ކުޅިވަރު ކަލަންޑަރެއް އެބަ އޮވޭ. އެހެންވީމަ އެއާއި އަޅުގަނޑުމެންގެ ހަރަކާތްތަކާއި ގުޅި ލާމެހިގެން އަސްލު ދާނީ. އޭގެ ތެރޭގަ އަޅުގަނޑުމެންގެ ޗެއަރ އެ ފާހަގަކުރެއްވިހެން އިންޓަނޭޝަނަލް މުބާރާތްވެސް އޭގެ ތެރޭގައި ހިމެނިގެންދާނެ. އަދި އަތޮޅު ތެރޭގަ މިބޭއްވިގެންދާ މުބާރާތްތައްވެސް ދާނީ 75 އަހަރު ސެލެބްރޭޓް ކުރެވޭގޮތަށް" މުބީން ވިދާޅުވިއެވެ.

މި ހަރަކާތުގެ ތެރެއިން ތާވަލުކޮށްފަވާ ބައިނަލްއަގްވާމީ މުބާރާތެއްވެސް އޮތްއިރު، އެމުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކޮމިޓީގެ ޗެއަރމަން އަލީ ސުޒައިން ވިދާޅުވީ އެމުބާރާތުގައި މަދުވެގެން ހަތަރު ޓީމު ވާދަކުރާނެކަމަށެވެ. އަންނަ އަހަރަށް މުބާރާތް ތާވަލުކޮށްފަވާއިރު މުބާރާތްބާއްވާނެ ވަކި ތާރީޚެއް އަދި މިހާތަނަށް ނިންމާފަނުވާކަމަށްވެސް ސުޒައިން ފާހަގަކުރިއެވެ.

"އެމުބާރާތުގައި މިހާރުގަ އަޅުގަނޑުމެންގެ ވިސްނުމަކީ ފަސް ޓީމު ބައިވެރިކޮށްގެން ކުރިއަށް ދިއުން. ސަރަހައްދުގެ ފަސް ޓީމަށްވެސް ވެދާނެ. ރާއްޖެ ހިމެނޭގޮތުން މި ސަރަހައްދުގެ ތިން ޓީމު ލާފަ ނޫނީ ދެޓީމެއްލާފަވެސް، ހަމަ ޔަގީނުންވެސް އެންމެ މަދުވެގެން ހަތަރު ޓީމު މުބާރާތުގައި ވާދަކުރާނެ ރާއްޖެއާ އެއްކޮށް" ސުޒައިން ފާހަގަކުރެއްވިއެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް އަންނަ އަހަރަށް ރާވާފަވިއަސް މިހާތަނަށް އަދި ވަކި ތާރީޚެއް ކަނޑައަޅާފަނުވަނީ ކުރިއަށް އޮތް އަހަރަކީ ވޯލްޑްކަޕު އޮންނަ އަހަރަށްވުމާއެކު އެ ދުވަސްވަރު މުބާރާތެއް ބާއްވައިފިނަމަ ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވާނެތީކަމަށް ސުޒައިން ވިދާޅުވިއެވެ. އެހެންކަމުން ތާރީޚު ކަނޑައެޅުމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއާއެކު މަޝްވަރާ ކުރާނެކަމަށާ، އެމުބާރާތް ރާވާނީ ރާއްޖޭގެ ސީޒަނަށްވެސް ދަތިނުވާނެ ފަދަ ގޮތަކަށް ކަމަށް ސުޒައިން ހާމަކުރެއްވިއެވެ.

"އެމުބާރާތް އަންނަ އަހަރު އަޅުގަނޑުމެން ކުރިއަށްގެންދާއިރުގައި ސީދާ ދުވަސްވަރެއް އަދިއެއް ނުނިންމަން. އެއީ މިއަންނަ އަހަރަކީ ވޯލްޑްކަޕު ފީފާ އެންމެ ބޮޑު ވިންޑޯގަ މިއަންނަނީ ވޯލްޑުކަޕު. އެހެންވީމަ އެދުވަސްވަރަށް މުބާރާތެއް ލައިފިއްޔާ ވަރަށް ގިނަ އުނދަގޫތަކާކުރިމަތިވާނެ. ދެން އަޅުގަނޑުމެން އޭގެ ފަހުންތޯ ކުރިންތޯ އެކަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއާ މަޝްވަރާކޮށް އެންމެ ރަނގަޅު ދުވަސްވަރަކަށް ބާއްވާނީ. ރާއްޖޭގެ ސީޒަނަށްވެސް ދަތިނުވާނެގޮތަށް ގިނަ ދުވަސްތަކެއް ގެއްލިގެން ނުދާނެގޮތަކަށް އެކަން ކުރެވޭތޯ އަޅުގަނޑުމެން ބަލާނީ" ސުޒައިން ވިދާޅުވިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން ރާވާފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމާއި، ފުޓުބޯޅައަށް އެންމެ ޚިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލް އާ ގުޅޭ ލޯގޯއެއް އިފުތިތާހުކުރުމުގެ އިތުރުން މުނާސަބާއާއި ގުޅޭ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.