ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމައްޓަކައި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމުތައް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަޒީރު ރާފިޢު ވިދާޅުވީ އައުޓްޑޯ ޖިމްތަކަކީ މިހާރުވެސް ރާއްޖޭގެ ރައްޔަތުން ބޭނުން ކުރަމުން އަންނަ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ.
މި ފަހަރު އައުޓްޑޯ ޖިމްގެ ވަސީލަތްތައް ގާއިމުކުރުމުގައި ވަރަށް ބޮޑަށް ބެލުމަށްފަހު ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް މެއިންޓެއިން ކޮށް ބެލެހެއްޓޭނެ ގޮތްތަކެއް ދިރާސާކޮށް ބައްލަވާފަައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެހިރާއްޖެ އަކީ ވަރަށް ލޮނުގެ އަސަރު ކުރާ ތަނަކަށް ވާތީވެ، އެތަކެތީގަ ދަބަރު ޖަހާ ވީރާނާވުމުގެ ޗާންސް ބޮޑުވާނެތީވެ، އެހެންވީމަ އަޅުގަނޑުމެން މިފަހަރު މި ތަކެތި އެސްޓިއޯ މެދުވެރިކޮށް، ތަކެތި އޯޑަރ ކުރީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމާއި، އެސްޓިއޯގެ ޓެކްނިކަލް ޓީމާއެކު މަޝްވަރާ ކުރުމަށްފަހު ލޮނުގެ އަސަރު ކުރިޔަސް ހަލާކު ނުވާނެހެން ވަކި ހާއްސަ ކޯޓިންއެއް ލެވިގެން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަލަށް ގާއިމު ކުރެވޭ އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ވެގެންދާނީ ގައިންގަޔަށް ނާރާ ބަލިތަކުން ދުރުކޮށްދޭ ވަސީލަތެއް ކަމަށެވެ.
" ހަކުރު ބަލި، ލޭމައްޗަށް ދއުން، އޮބޭސިޓީ، ކޮލަސްޓްރޯލް، ހައިޕަޓެންޝަން، މިހަކަލަ ބަލިތަކުން އަޅުގަނޑުމެން ދުރުކުރެވޭނެ ވަސީލަތަކަށް ވެގެންދާނީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ތަންތަނުގެ ސަބަބުން މުޖްތަމައުގެ ގުޅުން ބަދިހިވެގެންދާނެ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ފުރިހަމަ ކުރުމުގައި ވުޒާރާއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުތައް ނިންމުމުގައި ސަރަކާރުގެ ކުންފުނިތަކާ އެކު މަސައްކަތް އަވަސްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުގެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ގާއިމުކުރުން ކުރިއަށް އެބަދެއެވެ.
މިއަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ގާއިމުކުރުމަށް ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.