ކުޅިވަރު

63 ރަށެއްގައި އެފްއާރްސީ ގާއިމުކުރުން އެމްއޭސީއެލްއަށް


ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ތައް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހ. މީރުމާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، އެފްއާރްސީތައް ގާއިމުކުރެވޭ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްލަ 63 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމުގެ އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

2026 ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިކަން ކާމިޔާބުކުރެއްވުމަށް ކުޅިވަރު ވުޒާރާއިން މިހާތަނަށް ވަނީ 87 އެފްއާރުސީއެއް ޤާއިމްކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފައެވެ.

އޭގެ ތެރެއިން ތިން އެފްއާރުސީއެއްގެ މަސައްކަތް ނިމިފައިވާއިރު، 28 މަޝްރޫޢުއެއްގެ މަސައްކަތް މިވަގުތު ކުރިއަށްއެބަދެއެވެ.

މީގެ އިތުރުން 43 އެފްއާރުސީއެއް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް މަރުހަލާ ކުރިއަށްދާއިރު، އިތުރު 21 އެފްއާރުސީއެއް ޤާއިމްކުުރުމަށް މި އަހަރާއި އަންނަ އަހަރު ހަވާލުކުރެވޭނެކަމަށް ކުޅިވަޒު ވުޒާރާއިން ހަަމަކުރައްވައެވެ.