ކުޅިވަރު

ނިއު ރޭޑިއަންޓުގެ ކޯޗުކަން ސުޒެއިނަށް


ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަން ކުރީގެ ގައުމީ ކޯޗު އަލީ ސުޒެއިނަށް ދީފިއެވެ.

މި އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވާ ޓީމުގެ ކޯޗަކަށް ސުޒެއިން ހަމަޖެއްސިއިރު، ނިއު ރޭޑިއަންޓުން އަންނަނީ ޓީމު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަމުންނެވެ.

ސުޒެއިނަކީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކާމިޔާބުތަކެއް ހޯދައިދީފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ އަށް ނިއު ރޭޑިއަންޓުގެ ކޯޗުކަން ދީފައިވާއިރު، މިއީ އޭނާގެ ކުލަބު ވިކްޓަރީއާ އެންމެ ވާދަވެރި ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓަށް ޚިދުމަތްކޮށްދޭން އެއްބަސްވި ފުރަތަމަ ފަހަރެވެ.

ސުޒެއިނަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ފުޓްބޯޅައިގެ 75 އަހަރު ފުރުން ފާހަގަކުރުމަށް އެކުލަވާލި ޑައިމަންޑް ޖުބުލީ ކޮމިޓީގެ ޗެއާމަންވެސް މެއެވެ.

އޭނާ އެންމެ ފަހުން ކޯޗެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ މީގެ ހަ އަހަރު ކުރިން ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗުގެ ގޮތުގައެވެ.