ކުޅިވަރު

ސަލީބާ ދީފައި ރޮޑްރީގޯ ބޭނުމެއް ނޫން: އާސެނަލް


ފްރާންސްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ދީފައި ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ ބޭނުންނުވާ ކަމަށް އާސެނަލްއިން ބުނެފިއެވެ.

އެ ކުލަބުން މިކަން ސްޕޭނުގެ ރެއާލް މެޑްރިޑަށް އެންގީ މި ދެ ކުޅުންތެރިން ބަދަލު ކުރުމަށް ރެއާލްއިން ހުށަހެޅުމުންނެވެ. އާސެނަލްގެ ފަހަތުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ފްރާންސްގެ ސަލީބާ އަކީ ރެއާލް މެޑްރިޑަށް ގެންދަން އެ ކުލަބުން ވަރަށް ބޮޑަށް ބޭނުންވާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އާސެނަލްއާއެު ހަދާފައިވާ ކޮންޓްރެކްޓްގައި އަދިވެސް ބާކީ ދެ އަހަރު އެބައޮތެވެ.

ރެއާލްއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ އޭނާ ގަތުމަށެވެ. ނަމަވެސް އާސެނަލްއިން ނިންމީ އެއްވެސް އަގެއްގައި ކުޅުންތެރިޔާ ވިއްކާނުލުމަށެވެ. މިހެންވެ ފަހުން ރެއާލްއިން ހުށަހެޅީ އެ ކުލަބުގެ އައު ކޯޗު ޒަބީ އަލޮންސޯގެ ޕްލޭނުގައި ނުހިމެނޭތީވެ ރޮޑްރީގޯ ދީފައި ސަލީބާ ގެނައުމަށެވެ. ނަމަވެސް އާސެނަލްއިން ވިސްނާ ގޮތުގައި ސަލީބާ އަކީ އެ ކުލަބުން ޕްރެމިއާ ލީގުގެ ތައްޓަށް ވާދަކުރާއިރު ކޮންމެހެން ވެސް ހުންނަންޖެހޭ ފަދަ މޮޅު ކުޅުންތެރިއެކެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ރެއާލްއިން މިހާރު އަމާޒު ހިފާފައިވަނީ ސަލީބާ އާސެނަލްގެ ކޮންޓްރެކްޓް އައު ކުރި ނުދޭށެވެ. އެއީ 2027 ވަނަ އަހަރު ހިލޭ ޓްރާންސްފާ އެއްގައި އޭނާ އެ ކުލަބަށް ގެންދިއުމަށެވެ.

އައު ސީޒަނަށް ރެއާލްއިން ވަނީ ޑިފެންސް ލައިން ވަރުގަދަ ކުރުމަށް ތިން ކުޅުންތެރިން ހޯދައިފަ އެވެ. ނަމަވެސް އަދިވެސް ޑިފެންސްލައިނުން ދިޔަވުން ރަނގަޅު ނުކުރެވޭ ކަމަށް ކޯޗިން ސްޓާފުން ވަނީ ނިންމައިފަ އެވެ. ހުސްވި ސީޒަން ރެއާލްއިން ހުސް އަތާ ނިންމާލަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް ޑިފެންސް ލައިން މާބޮޑަށް ބަލިކަށިވުމެވެ.