ހުކުރުކުރާނެ މީހަކު ނެތް ރަށަކުން ޒުވާން 4 ޚަޠީބުން ތަމްރީންވެ، އިމާމުން މަދުވުމުގެ މައްސަލައަށް ހައްލު ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިޚަތީބުން ތަމްރީންވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގުރާމްގެ ތެރެއިންނެވެ.
މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޚުޠުބާ ކިޔާނެ މީހަކު ނެތް ރަށަކުން ޒުވާން 4 ޚަޠީބުން ތަންރީންވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން އެ ރަށަށް ޚުތުބާ ކިޔާ މީހުން ގެންނަނީ އެހެން ރަށްރަށުންކަމަށް ވަޒީރު ވިދާޅުވިއެވެ.
އެންމެ އުފާވީ، ޚުޠުބާ ކިޔާނެ މީހަކު ނެތް ރަށަކުން މިފަހަރު ޒުވާން 3 ޚަޠީބުން ތަމްރީނުވުމުން. އެރަށް ޚުތުބާ ކިޔާ މީހުން ގެންނަނީ ހުކުރު ދުވަހު އެހެން ރަށްރަށުން. އެރަށުގެ ޚަޠީބުންތައް ވަނީ މަރުވެފަ. އެންމެހައި ޚަޠީބުންނަށް މަރުޙަބާ! pic.twitter.com/YbZgt2ckbq
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 13, 2025
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޢިޝާރަތްކުރެއްވި 4 ޚަޠީބުން ނިސްބަތްވަނީ އއ. ފެރިދޫއަށެވެ. އެ ކުދިން ތަމްރީންވީ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ 3 ވަނަ ޕްރޮގުރާމްގެ ތެރެއިންނެވެ. މި 4 ޚަޠީބުންނަކީ އަޙްމަދު އާފާދު ބަޝީރާއި މުޙައްމަދު އަޔާން އަޙްމަދު ޝާތިރާއި އަޙްމަދު ޔާސީން އަބްދުﷲއާއި މުޙައްމަދު މިފްޟާލް އަޙްމަދެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ޚާއްސަ ހުއްދައެއްގެ ދަށުން މި ޒުވާނުން ދިޔައީ ފެރިދޫގައި އިމާމުވެ ނަމާދުކުރަމުންނެވެ.
އިމާމުން މަދުވުމާއި ހުކުރުކުރާނެ މީހުން ނެތުމަކީ އއ. ފެރިދޫއަށް ދިމާވެފައި އޮތް ބޮޑު މައްސަލައެކެވެ. 525 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ފެރިދޫގައި 2 މިސްކިތް ހުރެއެވެ. މީގެ ކުރިން ހުކުރުކުރާނެ އިމާމުން ރަށަށް ގެނައުމަށް އަހަރަކު ލައްކައެއްހާ ރުފިޔާ ޚަރަދުކުރަންޖެހޭކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއެވެ.