ޚަބަރު

ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭ ގޮތް ހަދަނީ


  • ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ވަނީ އިސްލާހެއް ހުށައަޅާފައި

  • އިސްލާހު ގެންނަނީ ޕެޓިޝަން ހުށައެޅުމާ ގުޅޭގޮތުން ހުރި މާއްދާތަކަށް

އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭ ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ ނ ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބަށް އިޞްލާޙު ގެނައުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށް، ޢާންމު ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ހުށައަޅައި އިސްލާހަކީ މަޖިލީހަށް އިލެކްޓްރޯނިކް ޕެޓިޝަން ތަޢާރަފްކުރުމަށްޓަކައި ގަވާއިދުގައި ޕެޓިޝަނާ ގުޅޭގޮތުން ހުރި މާއްދާތަކަށް ގެނެވޭ އިސްލާހެއް ކަމަށެވެ. މި އިސްލާހުގެ ސަބަބުން ޕޯޓަލެއް މެދުވެރިކޮށް ޕެޓިޝަން ހުށައެޅުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވާނެކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ ގުޅިގެން އީ-ޕެޓިޝަން ޕޯޓަލެއް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އޮގަސްޓް މަހުގެ ފަހުކޮޅު ޕޯޓަލް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާއިރު، މިއިސްލާހު މިދައުރު ނިމުމުގެ ކުރިން ފާސްކުރުން މުހިންމު." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހުގައި ހުށައެޅޭ ދެބާވަތުގެ ޕެޓިޝަނަކީ ކަރުދާސް ޕެޓިޝަނާއި އިލެކްޓްރޯނިކް ޕެޓިޝަން (އީ-ޕެޓިޝަން)އެވެ. އަދި ކަރުދާސް ޕެޓިޝަން ހުށައަޅާނީ މަޖިލީހުގެ އިދާރާއަށްކަމަށާއި އީ-ޕެޓިޝަން ހުށައަޅާނީ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށްކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އަލަށް ހުށައަޅާފައިވާ އިސްލާހުގައި މަޖިލީހަށް ހުށައަޅާ، ޕެޓިޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައްވެސް ކަނޑައަޅާފައިވެއެވެ. އެ ގޮތުން އެކަށީގެންވާ ރިވެތި ޢިބާރާތުން ދިވެހިބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް މުޚާތަބުކޮށް ޢިބާރަތްކޮށްފައިވުމާއި ކަރުދާސް ޕެޓިޝަނެއްގައި އެއް ގަނޑަކަށްވުރެ ގިނަ ގަނޑު ހިމެނޭނަމަ ޕެޓިޝަން ހުށައަޅައި ފަރާތުން އެއިން ކޮންމެ ގަނޑެއްގައިވެސް ސޮއިކޮށްފައިވުން ހިމެނެއެވެ. އަދި ޕެޓިޝަންގައި ޕެޓިޝަން ހުށައަޅައި ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމަކީވެސް ޝަރުތެކެވެ. ޕެޓިޝަންގައި ޝަރުތެއް އުނިވާނަމަ، ޕެޓިޝަން ބަލައި ނުގަންނާނެއެވެ.