ޓެލެކޮމިޔުނިކޭޝަންގެ ދާއިރާގައި ބޭނުންކުރާ ފަހުގެ އީޖާދުތައް ބޭނުންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ރާއްޖޭގައި ފަށައިފިއެވެ.
މިބައްދަލުވުމަކީ އޭޝިޔާ-ޕެސިފިކް ޓެލެކޮމިޔުނިޓީ، އޭޕީޓީގެ ދަށުން ހިންގާ ސައުތު އޭޝިއަން ޓެލެކޮމިޔުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލުން ބާއްވާ ބައްދަލުވުމެކެވެ. މިއީ މި ބައްދަލުވުން ރާއްޖޭގައި ބާއްވާ 3 ވަނަ ފަހަރެވެ.
މި ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ ގިނަ ގޮންޖެހުންތަކެއް ދިމާވި ނަމަވެސް، ޓެކްނޮލޮޖީއާއި ޓެލެކޮމިޔުނިކޭޝަންގެ ދާއިރާއިން ރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް އައިރު، މޮބައިލް ސްޕީޑް 3 ވަނަ ޖެނެރޭޝަނުން ފެށިގެން ގޮސް، 4ޖީ ނެޓްވަރކް ރާއްޖޭގައި ބޭނުންކުރަން ފަށާފައިވާކަން ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ. އަދި 2019 ވަނަ އަހަރު 5ޖީ މޮބައިލް ނެޓްވަރކް ޤާއިމުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ ޑިޖިޓަލައިޒްކުރުން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ރާއްޖޭގެ ޑިޖިޓަލް ސިޔާސަތުކަމުގައިވާ "މޯލްޑިވްސް 2.0" މެދުވެރިކޮށް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ޓެކްނޮލޮޖީގެ ފައިދާކުރުމަކީ އަމާޒުކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
"މިދިޔަ އަހަރު ފައިބަރ ޓު ދި ހޯމް ނެޓްވަރކް ވަނީ ޤާއިމުކުރެވިފައި. އަދި 2019 ވަނަ އަހަރު 5ޖީ ނެޓްވަރކް ވަނީ ޤާއިމުކޮށްފައި. މުޅި އާބާދީއަށް ފައިބަރ ޓު ދި ހޯމް ޤާއިމުކުރެވިގެން ދިއުމަކީ ރާއްޖެއަށް ހޯދުނު ބޮޑު ކާމިޔާބެއް." ޑރ. ކިނާނަތު ވިދާޅުވިއެވެ.
ޑރ. ކިނާނަތު ވިދާޅުވީ މިހާރު ރާއްޖޭގައި ފަށާފައިވާ ބައްދަލުވުންތަކާއެކު އައު ޓެކްނޮލޮޖީތައް ބޭނުންކުރަން ފެށުމުގައި ދިމާވާ އެކިއެކި ދަތިތަކާ ގުޅޭ މަޝްވަރާތައް ކުރެވޭނެ ކަމަށެވެ. އަދި މި ބައްދަލުވުންތަކުގެ ސަބަބުން ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަގު ފަހިވެގެންދާނެކަމަށްވެސް ޑރ. ކިނާނަތު ވިދާޅުވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮމިޔުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަޙްމަދު ވިދާޅުވީ މި ބައްދަލުވުމުގައި ދެކުނު އޭޝިޔާ ސަރަހައްދުގެ ޓެލެކޮމިޔުނިކޭޝަންގެ ރެގިއުލޭޓަރީ ކަންކަމާ ގުޅޭ ތަޖުރިބާކާރުން ބައިވެރިވެ، މަޝްވަރާކުރާނެ ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގެ ތެރެއިން ޓެލެކޮމިޔުނިކޭޝަންގެ ދާއިރާގައި ބޭނުންކުރާ އައު ޓެކްނޮލޮޖީއާއި މި ޓެކްނޮލޮޖީތައް ޤައުމުތަކުގައި ބޭނުންކުރެވޭނެ އެންމެ ރަނގަޅު ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަލަށް އުފެދޭ ޓެކްނޮލޮޖީތަކާއި އޭގެ ސަބަބުން މުވާސަލާތީ ޚިދުމަތްތަކަށް ގެނެވިދާނެ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަދެކެވެނީ. މިއީ މިގޮތަށް ރާއްޖޭގައި ބާއްވާ 3 ވަނަ ބައްދަލުވުން." އިލްޔާސް ވިދާޅުވިއެވެ.
ސައުތު އޭޝިއަން ޓެލެކޮމިޔުނިކޭޝަން ރެގިއުލޭޓަރސް ކައުންސިލުގެ ވަރކިން ގުރޫޕުން ބާއްވާ މި ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން 8 ޤައުމަކުން ބައިވެރިވެއެވެ. އަދި ޓެލެކޮމިޔުނިކޭޝަންގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތައްވެސް ހިމެނޭގޮތުން ޖުމުލަ 30 މަންދޫބުން ބައިވެރިވެއެވެ. މިބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށެވެ.