ޚަބަރު

މުދައްރިސުން ނުލިބުމުގެ މައްސަލައާ ކުރިމަތިވީ ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކޮށްފައިނެތުމުން: ތަޢުލީމީ ވަޒީރު


  • ޓީޗަރުން ތަމްރީނުކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭ

  • ޕްރައިމަރީ ގްރޭޑްތަކުގެ ކޯސްތަކުގައި ކިޔަވައިދޭއިރު މުގައްރިރު އެއްހަމަވާންޖެހޭ

  • ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި 120 ސެން ޓީޗަރުން ދާއިރާއަށް ނެރެވިފައިވޭ

އުގެނުމުގައި ޚާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް، އެއްވެސް ތަމްރީނެއް ލިބިފައިނެތް ފަރާތްތަކެއް ބޭނުންކުރުމަށްވުރެ، އެދާއިރާއިން ޑިޕްލޮމާއަކާއެކު ތަމްރީނުވެގެން ނިކުންނަ މުދައްރިސުން މާ ރަނގަޅުވާނެކަމަށާއި، އެފަރާތްތަކަށް އެފުރުޞަތު އޮންނަންވާނެކަމަށް ތަޢުލީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން އުފެއްދުމަށް 1 އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ ކޯސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އަދި ވިލާ ކޮލެޖުގައި އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ވަނީ ހަމަޖައްސާފައެވެ. މި ކޯސް ކުރިއަށްގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެންނެވެ. ކޯހުގައި ކިޔަވާނީ 8 މޮޑިއުލްއެވެ. މީގެއިތުރުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް 4 ވޯކްޝޮޕެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިކަމާއި ގުޅިގެން ނިމިދިޔަ ސަރުކާރުގެ ތަޢުލީމީ ވަޒީރު ވަނީ ކްލާސްރޫމްގައި އަޅާލުންތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވާދިނުމަށް ބޭނުންވާ ހުނަރުތަކާއި މަޢުލޫމާތު އެންމެ އަހަރެއްގެ ޑިޕްލޮމާ ސަނަދަކުން ހާސިލުކުރެވޭނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ކުރީގެ ވަޒީރުގެ އެ ސުވާލަށް ދެއްވި ޖަވާބުގައި މިހާރުގެ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވަނީ މުދައްރިސުން ނުލިބުމުގެ ކާރިސާއަކާކަމަށެވެ. މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކަށް ފަރުވާލެއް ނުބެހެއްޓުމުގެ އިތުރަށް، އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައިކޮށްފައި ނުވާކަން ފާހަގަކުރައްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކޮށް މުދައްރިސްކަން ފަސޭހައިން ކިޔެވޭގޮތަށް ކަންކަންފަހިކޮށްދޭންޖެހޭކަމަށެވެ.

ތަޢުލީމީ ދާއިރާއަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުން ކިޔެވުމަށްވެސް މީގެކުރިން ބާރުއަޅާފައިވާ މިންވަރުކުޑަކަމަށާއި، ނަތީޖާއަކީ 2023ވަނަ އަހަރު ނިމުނުއިރު އުގެނުމުގަ ޚާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ 600އަށްވުރެ ގިނަ މުދައްރިސުން ނެތި ދަރިވަރުން ބިކަވެފައިތިބުންކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އުގެނުމުގައި ޚާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނެތުމުގެ މައްސަލަ ކުރިމަތިވެ، އެއްވެސް ތަމްރީނެއް ލިބިފައިނެތް ފަރާތްތަކެއް އެދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރުމަށްވުރެ، އެދާއިރާއިން 1 އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު ތަމްރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސްވެސް ރަނގަޅު ވާނެކަމަށެވެ. އެފަރާތްތަކަށް ޖެހޭނީ ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅައި އިތުރަށް އެހީތެރިކަންދޭންކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ. އަދި އެއް އަހަރު ޑިޕްލޮމާއަކާއެކު ޓީޗިންގ ކެރިއަރ ފެށި އެތައް މުދައްރިސުންނަކާއި ފަންނީ އެތައް ބަޔަކު މި ގައުމުގައި ތިބޭނެކަމަށާއި، އެމީހުނަކީ ދަށް ބައެކޭ ނުބުނެވޭ ވަރުގެ މޮޅު މުދައްރިސުންގެ ގޮތުގައި ފާހަގަކުރެވިގެންދިޔަކަމަށްވެސް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

އުގެނުމުގައި ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯސް އިޢުލާންކުރުމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓިގައި ބޭއްވި ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރާއްޖޭގައި ސެން ޓީޗަރުން މަދުވުމުގެ މައްސަލަކަމަށްވާތީ، އެ މައްސަލަ ޙައްލުކުރުމަށްޓަކައި އެވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.

"އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުގައި އަޅުގަނޑުމެން އެކިއެކި ޚިދުމަތްތައް ދެމުންދާއިރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައި އޮތް އެއް ދާއިރާ މިއީ، އުނގެނުމުގައި އަދި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކިޔަވައިދިނުމުގެ ފެންވަރު ހަރުދަނާކޮށް ފުރުސަތުތައް ފަހިކޮށްދިނުމަކީ. މިކަން އަޅުގަނޑުމެންނަށް ކުރެވޭނީ ދާއިރާއަށް ތަމްރީނުލިބިފަތިބި މުދައްރިސުން ނެރެގެން". ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސެން މުދައްރިސުންގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި 120 ސެން މުދައްރިސުން އެދާއިރާއަށް ނެރެވިފައިވާކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ޤައުމީ ތަރައްޤީގެ މަސައްކަތުގައި އެންމެ ބުރަކޮށް މަސައްކަތްކުރައްވާ އެއްބަޔަކީ މުދައްރިސުންކަމަށާއި، ރާއްޖޭގައި މުދައްރިސުން ތަމްރީނުކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް ޕްރައިމަރީ ގްރޭޑްތަކުގެ ކޯސްތަކުގައި ކިޔަވައިދޭއިރު މުގައްރަރު އެއްހަމަކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އުގެނުމުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ކުރިއަށްގެންދަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރޭގައި ހިމަނުއްވައިގެނެވެ. އަދި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ މުހިންމު ސިޔާސަތެކެވެ.