ޚަބަރު

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަނީ


  • މިކަމާގުޅޭ ބިލު އިތުރަށް ދިރާސާކުރެއްވުމަށް ރައީސް ވަނީ އަންގަވާފައި

  • ބައެއް ޤައުމުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބުދޭ

  • މި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ރައީސް ފާހަގަކުރެއްވި

މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމާބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ.

އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.


މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އިޝާރަތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވީ މިހާތަނަށް ސަރުކާރުން މިމައްސަލަ ހައްލުކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން ތަންފީޒީ އިދާރާތަކުގެ މަސައްކަތް ހަރުދަނާކޮށް، މަސްތުވާތެކެތީގެ ވާބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމާއި، އެފަރާތްތައް އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް އެކަށައެޅިފައިވާ ނިޒާމު، އެއް އަމާޒަކަށް މަސައްކަތް ކުރަން ޤައުމީ އޮނިގަނޑެއްގެ ތެރެއިން މިހާރު މަސައްކަތްތައް ރޭވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި ޤާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމާއި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ވަނީ ހިމަނުއްވާފައެވެ.

ރާއްޖޭގައި މަސްތުވަތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖެއަށް އެތެރެކޮށް ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމަށާއި، އެ ވާބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖްތަމަޢަށް ނެރުން ހަރުދަނާ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން މަސްތުވާތަކެތި ދައުރުވާ އެތެރެކުރާ މައްސަލަ ހައްލުކުރަން، ސަރުކާރުން އިސްކަންދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުގެ ވެރިން އަތުލައިގަތުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ ޤާނުނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު މަޖިލީހުގައި ކުރަމުންދާއިރު މީގެ ތެރެއިންވެސް މިހާރު ތަންފީޒީ އިދާރާތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓުގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ނިޒާމު ހަރުދަނާ ކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ. އަދި ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.