ގއ.ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ގއ.ދެއްވަދޫ ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނަރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފްއެވެ.
މި މަޝްރޫޢުގެ ދަށުން 60،672 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 29 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 407 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 1256 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 20 މީޓަރު ދިގު 2 މީޓަރު ފުޅާ ބުރިޖެއް ހެދުމުގެ މަސައްކަތާއި ޕޭމަންޓްގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ.
103 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 630 ދުވަހުން ނިންމާގޮތަށެވެ.
1400 މީހުންގެ އަބާދީއެއް ދިރިއުޅޭ ދެއްވަދޫގައި ގިނަ ބަޔަކު މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވެއެވެ. ކަނޑުމަހުގެ މަސްވެރިންކަން ކުރާ 12 ވަރަކަށް ދޯނި މިހާރުވެސް އެރަށުގައި އޮންނަކަމަށް ރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.
ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މަސްވެރިކަންކުރާ އުޅަނދުތަކާއި މުދާ އުފުލާ ބޯޓުތަކާއި އަދި ލޯންޗުތަކާއި ޑިންގީތައް އަޅާފައި ބޭއްވުމަށް ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަށްވާއިރު، މި މަޝްރޫޢުގެ ސަބަބުން ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.