ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހު ވިދާޅުވެއްޖެއެވެ.
ސީއެސްސީގެ ރައީސް މިހެން ވިދާޅުވީ "އަހަރު މެދު މުރާޖާ"ގެ ނަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިހު ވިދާޅުވީ މުވައްޒަފުން ކުރާ މަސައްކަތް ހަރުދަނާކުރުމުގައި އެކި ސެކްޝަންތަކުގެ ވެރިން، މުވައްޒަފުންގެ މަސައްކަތް މުރާޖާކުރުން މުހިންމު ކަމަށެވެ. އަދި ހައްޓަށް ލުއިވާނެ ގޮތަށް މަސައްކަތްތައް ވަކި ތާވަލަކަށް ބައްޓަންކުރުން މުހިންމުކަމަށް ނާސިހު ވިދާޅުވިއެވެ.
ނާސިހު ވިދާޅުވީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށްވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އެ ގޮތުން ޕޭ ކޮމިޝަނާ ބައްދަލުކޮށް، ޕޭ ކޮމިޝަނުން އެކިއެކި ވުޒާރާތަކާ މިހާރު ބައްދަލުކުރަމުންދާކަމަށް ނާސިހު ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި ހުރިހާ ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުވާނެކަމަށް ރައީސް އިޢުލާންކުރައްވާފައިވާތީ އެކަމުގެ މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާކަމަށް ނާސިހު ވިދާޅުވިއެވެ.
"ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުވަމުން އަންނައިރު، ޑިއުޓީ ގަޑީގައި މަސައްކަތްކުރުމަށް އިސްކަންދޭންޖެހޭ. ވީހާވެސް ގިނަ ވަގުތު އޮފީހުގައި ހޭދަކުރަންވާނެ. ޑިއުޓީ ގަޑީގައި މަސައްކަތް ނުކޮށް، އޯވަރޓައިމް ހޯދުމަށް ގަޑީގެ ބޭރުން މަސައްކަތްކުރުމަކީ އެހައި ރަނގަޅުކަމެއް ނޫން." ނާސިހު ވިދާޅުވިއެވެ.
ޕޭހަމަނައިޒޭޝަން މަސައްކަތުގެ ތެރެއިން ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިއަހަރު ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
ސަރުކާރުން މިއަހަރުގެ ބަޖެޓު ހުށައެޅިއިރު، ޕޭ ހަމަނައިޒޭޝަންއަށް ނުވަތަ އެކި ދާއިރާތަކުން މުސާރަ އެއް ހަމަކުރުމަށް 500 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. މިގޮތުން މުސާރަ ބޮޑުކުރެވޭ ދާއިރާތަކުގެ ތެރޭގައި ޖުޑީޝަރީއާއި ސިވިލް ސަރވިސް ހިމެނޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.