މިއަހަރުގެ 6 މަސް ދުވަހު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތައް މުރާޖާކުރަން އެ ވުޒާރާއިން ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ސިޓީތަކާ ބެހޭ ވުޒާރާގެ އެކި ސެކްޝަންތަކުގެ މުވައްޒަފުން ބައިވެރިވެ، މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށައަޅައިދީފައިވެއެވެ.
މުރާޖާކުރުމުގެ ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މަސައްކަތްތައް ކުރުމުގައި އެކި ކަންކަހަލަ ގޮންޖެހުންތައް ދިމާވި ނަމަވެސް، ރައްޔިތުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަަމަށެވެ. އަދި މަސައްކަތްކުރުމުގައި ފަރުވާ ތެރިވުމަށާއި ހަވާލުކުރެވޭ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް ސަމާލުކުރަން ދިނުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ވުޒާރާގެ މަސައްކަތްތެރިންނަށް އަމާޒުކޮށް އެވޯޑެއް ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މި އެވޯޑުގެ ބޭނުމަކީ މަސައްކަތްކުރުމަށް މުވައްޒަފުންނަށް ހިތްވަރުދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަސައްކަތްކުރުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް އެބައޮތް. މަސައްކަތް ނިންމުމަށްފަހު އެ ދުވަހެއްގެ މަސައްކަތް ރިޕޯޓުކުރުން. އެ ދުވަހަކު ދިޔަ ހިސާބެއް ބުނުން. ތިމާގެ ޒިންމާ އަދާކުރެވުނުކަން ބުނެވިފައި އޮންނަންވާނެ ސުޕަވައިޒަރު ގާތުގައި. ވެރިންގެ މަސްއޫލިއްޔަތެއް އެއީ އެ މީހުންގެ ދަށުގައި މަސައްކަތްކުރާ މީހުން ގާތުން ސުޕަވައިޒްކުރުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަހަރު ދެބައިވުމާއެކު މަސައްކަތްތައް މުރާޖާކުރަން ފެށުމުން ކުރިއަށް އޮތްތަނުގައި ވުޒާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމަށެވެ.
މަސައްކަތްތައް މުރާޖާކުރުމުގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ "އަހަރު މެދު މުރާޖާ"ގެ ނަމުގައެވެ. މި ބައްދަލުވުމުގައި ސިޓީތަކާ ބެހޭ ވުޒާރާގެ އެކި ސެކްޝަންތަކުގެ މުވައްޒަފުން ބައިވެރިވެ، މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށައެޅުމުގެ އިތުރުން މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބު ހިއްސާކުރިއެވެ. އަދި މަސައްކަތްކުރުމުގައި ދިމާވާ އެކި ދަތިތައްވެސް ވަނީ ހިއްސާކޮށްފައެވެ.